ޑރ. މުހައްމަދު މުއިއްޒު

ޖީޑީޕީގެ 15 އިންސައްތައަކީ ޑިޖިޓަލް އިގްތިސާދަށް ހަދަން ބޭނުން: ރައީސް

ދެހާސް ތިރިސްވަނަ އަހަރު އަންނައިރު ދިވެހި ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިގްތިސާދަށް ބަރޯސާވާ މިންވަރަކަށް ހެދުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފަށާފައިވާ "ދިވެހިރާއްޖެ 2.0"ގެ މަޝްރޫއުގެ ތެރެއިން ދެހާސް ތިރިސްވަނަ އަހަރު އަންނައިރު ދިވެހި ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިގްތިސާދަށް ބަރޯސާވާ މިންވަރަކަށް ހެދުމަކީ އެމަނިކުފާނު ކުރައްވާ އުއްމީދެއް ކަމަށެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފަށާފައިވާ "ދިވެހިރާއްޖެ 2.0"ގެ އެންމެ ބޮޑު އެއް މަގުސަދަކީ ކޮރަޕްޝަން ނައްތާލުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ނިޒާމަކީ އޮޓޮމޭޓް ކުރެވި ޑިޖިޓަލައިޒްކޮށްފައިވާ ނިޒާމަކަށް ބަދަލުކުރެވިއްޖެނަމަ، މަގާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒު ފައިދާ ނެގުމަށް ލިބޭ ފުރުސަތު ހަނިކުރެވި، ދެފުށް ފެންނަ މިންވަރު އިތުރުވެ، މައުލޫމާތު ހޯދައި ލިބިގަތުމުގައި ލުއިފަސޭހަވެ، ބޮޑުތަނުން ކޮރަޕްޝަން ނައްތާލެވޭނެ ކަމަށްވެސް ރައީސް ގަބޫލުކުރައްވަ އެވެ.

"އެގޮތަށް ޑިޖިޓަލައިޒް ކުރެވިފައިވާ ނިޒާމެއްގައި މުޅި ސަރުކާރާއި މުޅި ދައުލަތުގެ އިތުރުން ޕްރައިވެޓް ސެކްޓަރުގައި ހިމެނޭ މައިގަނޑު ހިދުމަތްތައް ދޭ އިދާރާތަކާއި މުއައްސަސާތައް، ޝާމިލުވާ އަދި ލާމެހިފައިވާ ވިއުގައަކުން ގުޅާލެވިފައިވާނެ. އަދި އެކަމަށް ބޭނުންވާ ގާނޫނުގެ ދެލިކޮޕީވެސް މިހާރު މިދަނީ އެކުލަވާލަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަތަރު އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވާ މި މަޝްރޫއުގެ ތެރެއިން، ރާއްޖެ ޑިޖިޓަލައިޒްކުރުމުގައި މަސައްކަތްކުރަމުން ދަނީ ޑިޖިޓަލައިޒޭޝަންގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެސްޓޯނިއާއާ އެކުގައި ކަމަށެވެ. މާދަމާ ރޭ ފަށާ މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓަކީ މިމަސައްކަތުގެ ފެށުން ކަމަށާއި، އެސްޓޯނިއާ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގެ އެއް ބާނީވެސް މިވަގުތު ރާއްޖޭގައި ހުންނަވައިގެން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ. މާދަމާ ރޭ ފަށާ ސަމިޓްގައި އެސްޓޯނިއާގެ މާހިރުންގެ ޓީމެއްވެސް ބައިވެރިވާ ކަމަށާއި އެހެންވެ ރައީސް ވަނީ އެސްޓޯނިއާ ސަރުކާރަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެ 2.0ގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ބޭނުންވަނީ ކުރު ރާސްތާއެއްގެ ތެރޭގައި ކަމަށެވެ. މި ސަރުކާރުން މަސައްކަތް ކުރަނީ އެސްޓޯނިއާއިން 25 އަހަރުން ކުރި މަސައްކަތް، ހަތަރު އަހަރުން ކުރެވޭތޯ ކަމަށާއި، އެސްޓޯނިއާގެ ތަޖުރިބާއިން ދަރިވަރުވެގެން އެކަން ހާސިލްކުރެވޭނޭ ކަމަށް އެސްޓޯނިއާގެ ކަމާބެހޭ ބޭފުޅުން ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މިފަދަ ބޮޑެތި ބަދަލުތައް ގެނެވޭނީ ރައްޔިތުން އެ ބަދަލުތައް ބަލައިގަންނަ މިންވަރަކުންކަން ފާހަގަކުރައްވައި މި މަޝްރޫއުގެ ތެރެއިން "ޗޭންޖް މެނޭޖްމަންޓް" ނުވަތަ ބަދަލުތައް އިންތިޒާމުކޮށް ބެލެހެއްޓުމުގެ މުހިއްމު ކަން ރައީސް ފާހަަގަކުރެއްވި އެވެ.