ދިރާގުން އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފި އެވެ.
މިއީ މުވައްޒަފުން ކުންފުންޏަށް ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެ ކުންފުނިން ބާއްވާ ހާއްސަ ހަފްލާއެކެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭގައި ބޭއްވި ހަފްލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު އާއި ދިރާގުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ދިރާގުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.
މި ހަފްލާގައި ދިރާގަށް ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 96 މުވައްޒަފަކަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.
އެގޮތުން ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްފައިވާ 53 މުވައްޒަފަކަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ. އަދި ވޭތުވެދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 42 މުވައްޒަފަކަށްވެސް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.
އޭގެ ތެރޭގައި 14 ޑިވިޝަނަލް މެރިޓް އެވޯޑް، 11 ސްޕެޝަލް މެރިޓް އެވޯޑް، 15 އިނޮވޭޝަން އެވޯޑް އަދި 2 އައުޓްސްޓޭންޑިން ލީޑާސް އެވޯޑް ހިމެނެ އެވެ.
ރޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ޗެއާޕާސަންސް އެވޯޑް ލިބިފައިވަނީ ދިރާގުގެ ޓްރާންސްޕޯޓް ނެޓްވޯކްސްގެ މުހައްމަދު ޝަންމޫން ޝަފީގަށެވެ.
ދިރާގުން ބުނި ގޮތުގައި ޝަންމޫންއަކީ ދިރާގު ޓްރާންސްޕޯޓް ނެޓްވޯކްސް ޓީމްގެ މުހިންމު މެންބަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މުވައްޒަފެކެވެ.
މިގޮތުން ޝަންމޫން ވަނީ 2024 ވަނަ އަހަރުގެ ތެރޭގައި ދިރާގުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މުހިންމު އަދި ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކޮށްފަ އެވެ.
މިގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، ޑޮމެސްޓިކް ސަބްމެރިން ކޭބަލް ސިސްޓަމްގެ ފަސް އާ ސަބްމެރިން ކޭބަލް ލިންކް ގާއިމުކުރުމުގެ މަޝްރޫއު އާއި މޯލްޑިވްސް ސްރިލަންކާ ކޭބަލް ސިސްޓަމްގެ އަޕްގުރޭގް މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވުން ހިމެނެ އެވެ.
މީގެ އިތުރުން ސީމީވީ6 ލޭންޑްރޫޓް ގާއިމްކޮށް އަދި ބީޗް މޭންހޯލް އިމާރާތްކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން އަބަދުވެސް ދަނީ އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.