ރާއްޖެއަށް ބޭނުންވާ ބައެއް ބޭސް ލިބުން ދަތިވާ މައްސަލަ ހައްލުކުރުމަށްޓަކައި އިންޑިއާގެ އެޗްއެލްއެލް ލައިފްކެއަ ލިމިޓެޑާ އެކު އެސްޓީއޯ އިން ސޮއިކޮށްފި އެވެ.
އެޗްއެލްއެލް އަކީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ ކުންފުންޏެކެވެ.
އެސްޓީއޯ އިން ބުނީ މި އެއްބަސްވުމާ ގުޅިގެން އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމުގެ ދަށުން ރާއްޖެ އަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިއްމު ބޭސްތައް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
ފާއިތުވި ދުވަސްތަކުތަކުގައި ރާއްޖޭގައި މުހިއްމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާތީ މި އެއްބަސްވުމަކީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތު ދީފައިވެ އެވެ.

އެސްޓީއޯ އިން ބުނީ މި އެއްބަސްވުމުގެ ދާށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް ހަޖެހިގެންދާނެ ކަމަށެވެ. މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފަވާއިރު އެޗްއެލްއެލްއާއެކު ސޮއިކުރި އެއްބަސްވުމުގެ ބޭނުމަކީ ބޭސް ލިބުން ދަތިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ. އަދި ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއުއެޗްއޯ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވަިދުތަކާއި އެއްގޮތަށްކަން އެސްޓީއޯ އިން ޔަގީންކޮށްދެ އެވެ.
އެސްޓީއޯ އިން ބުނީ މި އެއްބަސްވުން ބިނާވެފައިވަނީ ކާމިޔާބު އެއްބާރުލުމުގެ ތާރީޚެއްގެ މައްޗަށް ކަމަށެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެޗްއެލްއެލް ލައިފްކެއާ އިން އެސްޓީއޯ އަށް މުހިއްމު ބޭސްތައް ފޯރުކޮށްދީ، ހާލަތު ދަތިވެފައިވާ ވަގުތެއްގައި އިތުބާރު ހުރި އަދި ވަގުތަށް ހިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައިވާ ކަމަށްވެސް ބުންޏެވެ.
އެޗްއެލްއެލްއާއެކު އެއްބަސްވުމެއް ހެދުމުން، ރާއްޖެ ކަނެކްޓްކުރެވިފައި މިވަނީ ދުނިޔޭގެ އެންމެ ފުޅާ ފާމަސިއުޓިކަލް ސަޕްލައި ޗެއިންތަކުގެ ތެރެއިން އެއް ޗެއިނާ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.