ޔުމްނު ވެއްޓުން

ޔުމްނު ވެއްޓުނީއެއް ނޫން، އެއީ ބަޔަކު ކުރުވި ކަމެއް: އާއިލާ

ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ މަތިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އަމިއްލައަށް ފުންމާލާފައި ނުވާ ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް ޔުމްނުއާ ހަވާލާދީ އާއިލާއިން ބުނެފި އެވެ.

ޔުމްނުގެ ދައްތަ ޔުމްނުއާ ހަވާލާދީ މި މައުލޫމާތު މިރޭ ހާމަކުރީ ޗެނަލް 13 އާއި ރާއްޖެ ޓީވީން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ -- ޕީއެންއެފްގެ ޖަލްސާ ކުރިއަށް ދަނިކޮށް އެ ޖަލްސާގެ ތެރެއިން ޔުމްނުގެ ދައްތަ ދިން ވީޑިއޯ އިންޓަވިއުއެއްގައެވެ.

ޔުމްނުއަށް ލިބުނު ބޮޑެތި އަނިޔާތަކަށް މިހާރު ފަރުވާ ދެނީ މެލޭޝިއާގެ ހޮސްޕިޓަލެއްގައެވެ.

މެލޭޝިއާގައި ހުރެގެން ޔުމްނުގެ ދައްތަ ދިން އިންޓަވިއުގައި ބުނީ ޔުމްނު ވެއްޓު ކަމަށް ބުނާ ރޭ ކަންތައްތައް ހިނގާދިޔަ ގޮތް އޭނާ ކިޔައިދީފައިވާ ކަމަށެވެ. ހ. ފެންޓެނޯއީގެއަށް ޔުމްނު ދިޔައީ މިމައްސަލައިގައި ހިމެނޭ މީހުންގެ ތެރޭގައި އުޅޭ ޔޫސުފް ޔައްސާރު އަބްދުލްޣަފޫރުގެ ދައުވަތަކަށް ކަމަށްވެސް ބުންޏެވެ.

މިމައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހާމަކުރި މައުލޫމާތުގައި ހ. ފެންޓެނޯއީގެއަކީ ޔުމްނުއާ އެއްވެސް ގުޅުމެއް އޮތް ގެއެއް ނޫން ކަމަށް ބުނެފަ އެވެ. ނަމަވެސް ޔުމްނުގެ ދައްތަ ބުނީ ފުލުހުން ހަދަނީ ދޮގު ކަމަށާއި އެއީ ޔުމްނު ކުރިންވެސް ގޮސް އުޅުނު ގެއެއް ކަމަށެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް ބުނާ ރޭ އެ ވަގުތު އެ ތަނުގައި ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލްގެ ހިމެނޭހެން ޖުމްލަ ފަސް މީހަކު އުޅުނު ކަމަށް ޔުމްނު ބުނާ ކަމަށްވެސް އޭނާގެ ދައްތަ ބުންޏެވެ.

ޔުމްނު އެންމެ ފަހުން ބުނެފައިވަނީ އަޅުގަނޑު ކައިރީގައި އިންސާފު ލިބޭނެހެއްޔޭ. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ. އޭނާ އެތަނަށް މަރަށް ދޫކޮށްލީ ބަޔަކުއޭ. އޭނަ އަމިއްލައަކަށް ނޫނޭ އެކަން ކުރީކީ،" ޔުމްނު ދައްތަ ބުންޏެވެ.

ރައުދު އަކީ ޔުމްނު ވެއްޓުނު ހާދިސާއަށްފަހު ފުލުހުން ހާމަކުރި ހ. ފެންޓެނޯއީގޭގެ އެތެރޭގެ ސީސީޓީވީ ފުޓޭޖުތަކުގައި މިހާތަނަށް ޔުމްނުއާ އެކު ފެންނަ ހަމައެކަނި މީހާ އެވެ. އެހެންވެ ފުލުހުންގެ ތަހުގީގަށް ރައުދު ހުރީ ހައްޔަރުކޮށްފަ އެވެ.

ޔުމްނުގެ އިތުރުން މައްސަލައިގައި ހިމެނޭ މީހުން

  • އިޖާޖާ ޖާއިޒް - ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
  • އިޒުދިޔާން މުހައްމަދު މައުމޫން - މއ. މާންދޫގެދެކުނުގެ
  • ޔޫސުފް އަހްމަދު އަކްރަމް - މއ. މާންދޫގޭދެކުނުގެ
  • އާއިޝަތު ލަޔާލީ އިގުބާލު - ގ. ނޯތުބްރީޒް
  • ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
  • އާމިނަތު ޖުނެއިނާ ޖަމްޝީދު - މ. ތިލަފަޅު
  • ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
  • ހުސައިން ހަމީސް އަލީ، ނ. ވެލިދޫ، އަހި

ޔުމްނުގެ ދައްތަ ބުނީ ޔުމްނުގެ މައްސަލައިގެ ތަހުގީގަށް ސަރުކާރުގެ އިސްވެރިންތަކެއް ނުފޫޒު ފޯރުވާފައިވާ ކަމަށާއި ޔުމްނުއަށް އިންސާފު ހޯދައިދޭން އާއިލާ އިން މަސައްކަތް ކުރާނެ ކަމަށެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް ޔުމްނުގެ އެއްވެސް ބަޔާނެއް ނުނަގައި ފުލުހުންގެ އިދާރާ އިން ޔުމްނުގެ އަބުރު ނަގާލައި ފަލީހަތްކޮށްފައިވާތީ އާއިލާ އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

"އަޅުގަނޑުމެން ޑިނައީއެއް ނުކުރަމޭ [އެރޭ ޔުމްނު ވެއްޓުމުގެ ކުރިން ހިނގާފައިވާ] ކަންތައްވި ގޮތެއް. މަރަށް ދޫކޮށްލި މައްސަލައޭ އަޅުގަނޑުމެންގެ މައްސަލައަކީ. މަރަށް ދޫކޮށްލާފައި އެ ފުރާޅުގަނޑު މަތީ މި ކުއްޖާ އޮތީ ކިހާ އިރެއްވަންދެންކަންވެސް ހަމަ އެނގޭނީ އެމީހުންނަށް،" އޭނާ ބުންޏެވެ.