މުލި

މުލި އެއާޕޯޓަށް މިމަހުގެ 17 ވަނަ ދުވަހު ދަތުރުތައް ފަށަނީ

މ. މުލި އެއާޕޯޓަށް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

މުލި އެއާޕޯޓް ހިންގާ ކުންފުނި -- ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ވަނީ މުލި އެއާޕޯޓަށް ދަތުރުކުރަން ބޭނުންވާ އެއާލައިންތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

އެކަމަކު މިހާތަނަށް އަދި ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ގައުމީ އެއާލައިން -- މޯލްޑިވިއަން އެކަންޏެވެ.

ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މުއްޔަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކު ހޮނިހިރު ދުވަހު އެކަންޏެވެ.

މިދަތުރަށް 35 މިނެޓުގެ ވަގުތެއް ހޭދަވާނެ ކަމަށާއި ޓިކެޓް ވިއްކަން މިހާރު ހުޅުވާލާފައިވާ ކަމަށްވެސް މޯލްޑިވިއަން އިން ބުންޏެވެ.

މުލި އެއާޕޯޓަށް ދަތުރުކުރާ ފަސިންޖަރުންނަށް މޯލްޑިވިއަންގެ ޕްރީމިއަމް އިކޮނޮމީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވެ އެވެ.

ކޮމާޝަލް ދަތުރުތައް ފެށުމަށްޓަކައި ރެގިއުލޭޓަރީ ގޮތުން އަޅަންޖެހޭ ޓެސްޓް ފްލައިޓްވެސް މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ މުލި އެއާޕޯޓްގައި ޖައްސާފަ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ.

މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެ އެވެ.

މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން 221.7 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.