މޯލްޑިވްސް 2.0

މޯލްޑިވްސް 2.0 މަޝްރޫއު އިފްތިތާހުކޮށްފި

ދިވެހި ދައުލަތުގެ ހުރިހާ ހިދުަތެއް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު "މޯލްޑިވްސް 2.0" މިރޭ އިފުތިތާހުކޮށްފި އެވެ.

ބާސެލޯ ނަސަންދުރައިގައި މިކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މޯލްޑިވްސް 2.0 އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖެ ޑިޖިޓަލް ކުރުމުގެ މަސައްކަތް މިރެއިން ފެށިގެން ކުރިއަށްދާނެ ކަމަށާއި މި ސިޔާސަތު ތަންފީޒު ކުރުމަށް މިރޭ ފެށުނު ސަމިޓުގައި ހުރިހާ ފަރާތްތަކަކަށް އެެއްބަސްވެވޭ ކަންތައްތަކެއްވެސް ނިންމާނެ ކަމަށެވެ.

"މާތްﷲ އިރާދަކުރެއްވިއްޔާ ރައީސްގެ ޑިޖިޓަަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމުގެ އަމަަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާނެ،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޑިޖިޓަލައިޒް ޕްރޮގްރާމު ތަންފީޒު ކުރާނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި އެންސީއައިޓީ އަދި ޓްރޭޑް ނެޓުގެ ކަމާ ގުޅޭ މުވައްޒަފުން އިސްކޮށް ތިއްބަވައިގެންނެވެ.

ރާއްޖެ ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ރައީސް މުއިއްޒު ޗެއާ ކުރައްވައި އަދި ޑިޖިޓަލް ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ޑިޖިޓަލް ޓްރާންސްފޯމޭޝަން ކައުންސިލަކުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓޯނިއާގެ ޑިޖިޓަލް ކައުންސިލްގެ މެމްބަރު އަދި އެސްޓޯނިއާގެ އީ-ގަވަނަންސް އެކަޑަމީގެ ކޯ ފައުންޑަރު ލިނާވިކް ވިދާޅުވީ ރައީސް މުއިއްޒު މިއަހަރު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވަރަށް ގިނަ ފަހަރު މަޝްވަރާ ކުރެއްވި ކަމަށެވެ.

ރާއްޖެއާއި އެސްޓޯނިއާ އަކީ ކުޑަ ގައުމަކަށް ވާތީ ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެނެވެނީ ގައުމުތަކާއި ޖަމިއްޔާތަކާ ގުޅިގެން ކަމުގައިވެސް ލިނާވިކް ވިދާޅުވި އެވެ. ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެނައުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެ ސިޔާސަތު ތަންފީޒު ކުރުމުގެ ހިންގުމުގެ ދާއިރާ އިން ބޮޑެތި ބަދަލުތައް ފެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ލިނާވިކް ވިދާޅުވީ ރާއްޖެއާއި އެސްޓޯނިއާ އަކީ ސަރުކާރުގެ މައި އޮފީސްތައް ހުންނަ ސަރަހައްދާ ދުރުގައި އެތައް ބަޔަކު ދިރިއުޅޭ ގައުމެއް ކަމަށްވާތީ ރަނގަޅު ހިދުމަތްތަކެއް ދިނުމަށްޓަކައި ހިދުމަތްތައް ޑިޖިޓަލްކޮށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް އެންމެންނަށްވެސް ދޭންޖެހޭ ކަމަށެވެ.

ރާއްޖެ ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށާއި އެސްޓޯނިއާ އިން ރާއްކެއަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ލިނާވިކް ވިދާޅުވި އެވެ.