ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ސްޓޫޑެންޓް ލޯނަށް 55 މިލިއަން ރުފިޔާ ދޫކޮށްފި

ސްޓޫޑެންޓް ލޯން ފައިސާގެ ގޮތުގައި މިދިޔަ އޭޕްރީލްގެ ނިޔަލަށް 55.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ 55.5 މިލިއަން ރުފިޔާ ދޫކުރީ ޖުމްލަ 751 ދަރިވަރަކަށް ކަމަށެވެ.

ސްޓޫޑެންޓް ލޯން ނަގައިގެން ކިޔެވި ދަރިވަރުންގެ ތެރެއިން 34 ދަރިވަރަކު ކާމިޔާބު ކަމާ އެކު ކޯސް ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަހަރު ސްޓޫޑެންޓް ލޯނު ސްކީމަށް ހުޅުވާލުމުން 500 ފުރުސަތަށް 1،300 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސްޓޫޑެންޓް ލޯނު ތިން ގިންތި އަކުން ދޫކުރަނީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށެވެ. ތިން ގިންތިއަކީ ޓޮޕްއަޕް ލޯނާއި، ރާއްޖޭގެ ޔުނިވަސިޓީ / ކޮލެޖް / މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވަން ދޭ ލޯނުގެ އިތުރުން ހައިލީ ޓެކްނިކަލް ދާއިރާތަކަށް ދޫކުރާ ލޯންތަކެވެ.