ސަރުކާރުގެ އަމާޒަކީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން 2028 ވަނަ އަހަރު ތެރޭގައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހިންގުމުގެ ނިޒާމު ބަދަލުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހި ދައުލަތުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު "މޯލްޑިވްސް 2.0" މިރޭ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމަށް ފަށާފައިވާ މަސައްކަތާ އެކު 2028 ވަނަ އަހަރު ސަރުކާރުގެ ގިނަ މުވައްޒަފުން މަސައްކަތް ކުރާނީ "ވޯކް ފްރޮމް ހޯމް" އުސޫލުން ގޭގައި ކަމަށެވެ.
"މިބަދަލާއެކު ހަފްތާއަކަށް ކަނޑައެޅޭ ވަކި ގަޑިއެއްގައި އެކަނި ވަގުތު ހަމަކުރަން އޮފީހަށް އަންނަންޖެހޭ ގޮތަށް އުސޫލުތައް ބަދަލުވާނެ. އެކަމަކު ޓީޗަރުން ކަހަލަ ކޮންމެހެން ވަޒީފާތަކަށް ނިކުންނަންޖެހޭ މުވައްޒަފުން އޮފީސްތަކަށް ހާޒިރުވެ ހިދުމަތް ދޭންޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމާއެކު ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށެވެ. އެކަން ހާސިލް ކުރެވޭނީ ގައުމުގައި އޮތް ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒް ކޮށްގެން ކަމަށާއި ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވަރަށް ބޮޑަށް ދެފުށް ފެންނާނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ޑިޖިޓަލައިޒޭޝަންގެ ތެރެއިން މިހާރު ބޭނުންކުރާ އައިޑީ ކާޑަކީ ސްމާޓް، ޑިޖިޓަލް އަދި ހުރިހާ ހިދުމަތެއް އެ ކާޑަކުން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކާޑަކަށް ހަދާނެ ކަމުގައި ވިދާޅުވި އެވެ. އަދި މިބަދަލާ އެކު ސައިބަ ސެކިއުރިޓީގެ ކަންކަން ރަނގަޅު ކުރެވި، ހިދުމަތުގެ ނިޒާމް ވަރުގަދަކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށްފައިވާ އެސްޓޯނިއާއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ދެވަނައަށް އޮތް ގައުމު ކަމަށާއި އެ އަމާޒަށް އެ ގައުމަށް ވާސިލްވެވުނީ ޑިޖިޓަލައިޒޭޝަންގެ ތެރެެއިން ކުރި މަސައްކަތުން ކަމަށެވެ. ރާއްޖެވެސް އެހަރުފަތާ ހިސާބަށް ގެންދިއުމަށް، މައުލޫމާތު ފޯރުކޮށްދިނުމުގައި އަދި މައުލޫމާތު ލިބިދިނުމުގައި ޒިންމާ ދާރުކޮށް އަވަސް މިނުގައި ހިދުމަތްދޭ ތަނަކަށް ހެދުމަށް ޑިޖިޓަލައިޒޭޝަންގެ ފުރިހަމަ ބޭނުންކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެންމެން ގުޅިގެން ކޮރަޕްޝަން ނައްތާލައި، ރާއްޖެއަކީ އެންމެން ބަލައިގަންނަ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ. ސަރުކާރުން ގެންނަ ބަދަލު އެންމެން ބަލައިގަތުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
"ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަކުރުމަށް ގާނޫނީގޮތުން ކުރަންޖެހޭ ހާއްސަ ކަންކަން މިދަނީ ކުރަމުން. މުޅި ދިވެހިރާއްޖެ 2.0 މަޝްރޫއު ފުރިހަމަ ކުރުމުގައި އެސްޓޯނިއާގެ ތަޖުރިބާ ބޭނުންކޮށް ރާއްޖެއަށް އެންމެ ފެތޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާހް ކުރި ޕްރޮގްރާމެކެވެ. މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ހިދުމަތް ދިނުމުގެ އަމާޒު ހާސިލުވާ ގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އާ ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަން ފަށާ މަޝްރޫއެކެވެ. މި މަޝްރޫއަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންގީލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް ތިން އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫއެކެވެ.