މިނިސްޓަރު އަލީ އިހުސާން

މޯލްޑިވްސް 2.0ގެ ބޭނުމަކީ އިލެކްޓްރޯނިކް ވޯޓިން ތައާރަފް ކުރުމެއް ނޫން: އިހްސާން

ދިވެހި ދައުލަތުގެ ހުރިހާ ހިދުަތެއް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު "މޯލްޑިވްސް 2.0"ގެ ބޭނުމަކީ އިލެކްޓްރޯނިކް ވޯޓިން ތައާރަފް ކުރުން ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

އިހްސާން މިހެން ވިދާޅުވެފައި މިވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި "މޯލްޑިވްސް 2.0" މަޝްރޫއެއް ފެށީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބުތައް އޮޅުވާލުމުގެ އުއްމީދުގައި ކަމަށް ބުނެ ސޯޝަލްމީޑިއާގައި ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވުމުންނެވެ. ސަރުކާރަށް މިފަދަ ތުހުމަތެއް ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ހިމެނެ އެވެ.

ފާޑުކިޔުންތަކާ ގުޅިގެން މިނިސްޓަރު އިހްސާން ވިދާޅުވީ އޭނާއަކީ "މޯލްޑިވްސް 2.0" އިފްތިތާހް ކުރުމުގެ ހުރިހާ މަރުހަލާއެއްގައި ރައީސްގެ އަރިހުގައި މަސައްކަތް ކުރެއްވި ވަޒީރެއްް ކަމަށެވެ. ރައީސް އަބަދުވެސް ތަކުރާރު ކުރައްވާ އެއް ވާހަކަފުޅަކީ އީ ވޯޓިން ފިޔަވައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ހިދުމަތެއް ދެވޭ ގޮތަށް "މޯލްޑިވްސް 2.0" ކުރިއަށް ގެންދިއުން ކަމަށެވެ.

މިމަސައްކަތުގެ ފަހަތުގައި އޮތީ ކޮރަޕްޝަން ނައްތާލުން ކަމަށްވެސް އިހްސާން ވިދާޅުވި އެވެ.

"ރައީސް އަރިހުގައި އެސްޓޯނިއާއަށްވެސް ދެވި އަދި ރޭގެ ޖަލްސާގައިވެސް ބައިވެރިވެވި އިއްތިފާގުން މޯލްޑިވްސް 2.0 އިމްޕްލިމެންޓްކުރުމުގެ ޒިންމާވެސް އޮތް ވަޒީރުގެ ހައިސިއްޔަތުން ދަންނަވާލަމެވެ. އެސްޓޯނިއާގައިވެސް އަދި ރޭގައިވެސް ރައީސް ތަކުރާރުކުރެއްވި އެއް ވާހަކަފުޅަކީ އީ ވޯޓިން ފިޔަވައި އަޅުގަނޑުމެން އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ޚިދުމަތެއް ދޭންވާނެ ކަމަށެވެ،" ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.

އިހްސާން އިތުރަށް ވިދާޅުވީ ރާއްޖެ ޑިޖިޓަލް ކުރުމުން ހިންގުމަށް މިހާރު ކުރާ ހޭދަވެސް ވަރަށް ބޮޑަށް ކުޑަކުރެވި ހިދުމަތްތައް އަވަސް ކުރެވޭނެ ކަމަށެވެ.

"[މިމަޝްރޫއުގެ ބޭނުމަކީ] ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމެވެ. އީވޯޓިންއެއް ނޫނެވެ. ބައެއް ކަންކަމަކީ ގައުމަށްޓަކައި ސިޔާސީ ދެބަސްވުން އެއްކިބާ ކުރަންޖެހޭ ކަންކަމެވެ. މިއީ އެފަދަ ކަމެކެވެ." އިހްސާން ވިދާޅުވި އެވެ.