ކޮންމެ ނޭދެވޭ ކަމަކުން ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުވުމަށް އެންމެން އަޒުމު ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ރައީސް މުއިއްޒު މިކަމަށް އެދިވަޑައިގަތީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގަ އެވެ.
ރައީސް ވިދާޅުވީ ކުޑަކުދިންނަކީ އެންމެންގެ ހިތްތަކުގެ ހަމަޖެހުން ކަމަށްވެފައި ގައުމުގެ ދެމިއޮތުން ކަމަށްވާތީ ޅަދަރީން ހެޔޮ ގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމަށެވެ.
ހަރުދަނާ ޖީލެއްގެ ގޮތުގައި ކުޑަކުދިން ބޮޑެތިކުރުމަށް ބާރުއަޅުއްވައިދިނުމަށްވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި ދިވެހީންގެ ސިޔާދަތާއި ކަރާމާތާއި ތަމައްދުން ނަގަހައްޓަން ތައްޔާރަށް ތިބޭ ބަޔެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ގައުމީ ވާޖިބު ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ ހިތާބުގައި ކޮންމެ ނޭދެވޭ ކަމަކުން ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުވުމަށް އެންމެން އަޒުމު ކަނޑައެޅުމާއެކު ކުޑަކުދީންނަށްޓަކައި ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދަބު އަހްލާގުން ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ދެއްކުމަށްވެސް ބާރުއެޅުއްވި އެވެ. ހަމައެއާއެކު ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތައުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދިނުމަށާއި، ދިވެހި ގައުމު ދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ގައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރުމަށްވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
ރައީސްގެ ހިތާބުގައި އެމަނިކުފާނު ވަނީ ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމަށާއި، އެއް ދުވަހަށް ވުރެ ކާމިޔާބު އަނެއް ދުވަސް ހޯދަން އަޒުމު ކަނޑައެޅުމަށް ކުޑަކުދިންނަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. އަދި ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވެ، ގައުމު ދެކެ ލޯބިވުމަށްވެސް އެމަނިކުފާނު ހަނދާންކޮށްދެއްވި އެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސޯޝަލް މީޑިއާގައިވެސް ޕޯސްޓެއް ހިއްސާ ކުރައްވާފަ އެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރިކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި މާދަމާ ދިވެހި ގައުމައިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ގާބިލްކަމާއި ހިތްވަރު ކުދިންނަށް ލިބޭނީ މިއަދު އެންމެން އެކަމަށް މަސައްކަތްކޮށްދީގެންކަމުގައި ފާހަގަކުރެއްވި އެވެ.