އިންޑިއާއިން މި މަހު ހަތެއްގައި ޕާކިސްތާނަށް ދިން މިސައިލް ހަމަލާތަކަށް ރައްދުދޭނެ ކަމަށް ޕާކިސްތާނުން ބުނެފައި ވަނިކޮށް އަދި ޕާކިސްތާންގެ އަސްކަރީ މަރުކަޒުތަކަށް އިންޑިއާއިން ރޭގައި ދިން މިސައިލް ހަމަލާތަކާ ގުޅިގެން އިންޑިއާގެ އެތައް މިތަނަށް ޕާކިސްތާނުން ރައްދު ހަމަލާތަކެއް ދީފި އެވެ.
ޖިއޯ ޓީވީން ބުނި ގޮތުން ޕާކިސްތާނުން ދިން ހަމަލާތަކުގައި ޕަންޖާބުގެ ބިއާސް ސިޓީގައި ހުންނަ ބްރަމޯސް މިސައިލް ގުދަނެއް ވަނީ ހަލާކުކޮށްލާފަ އެވެ.
ޕާކިސްތާން އަސްކަރިއްޔާގެ ތަރުޖަމާން ޖެނެރަލް އަހުމަދު ޝަރީފް ޗައުދުރީއާ ހަވާލީދީ ޖިއޯ ޓީވީ ޗެަނަލުން ބުނި ގޮތުން، އިންޑިއާޢިން ރޭގައި ދިން ހަމަލާތަކުގައި، ޕާކިސްތާންގެ އަސްރިއްޔާގެ ތިން ވައިގެ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ޕާކިސްތާނުން ދޭ ހަމަލާތައް ބޮޑަށް އަމާޒުކުރަނީ އިންޑިއާގެ އަސްކަރީ ހަރަކާތްތަކަށް ކަމަށް ރޮއިޓާސްިން ވަނީ ބުނެފަ އެވެ. މި ގޮތުން ޕަންޖާބުގެ އަމްރިތުސާރަށް ވެސް ޕާކިސްތާނުން ހަމަލާދިން ކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އިންޑިއާއާ ޕާކިސްތާންއާ ދެމެދު ނުތަނަވަސްކަން އުފެދި ހަމަލާ ބަދަލުކުރާ ހިސާބަށް ގޮސްފައި މިވަނީ، ކަޝްމީރުގެ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެންނެވެ.
ޕަހަލްގާމް އަކީ ކަޝްމީރުގެ އިންޑިއާ ފަޅިއަށް ނިސްބަތްވާ ޓޫރިސްޓް އަވަށެކެވެ. ހަތިޔާރުއެޅި ގުރޫޕަކުން މެއި 22 ގައި މި އަވަށަށް ވަދެގަނެ ބަޑިން ހަމަލާދީ 26 މީހަކު ވަނީ މަރާފަ އެވެ.
މަރުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާ މީހުންނެވެ. ޚަބަރުތައް ބުނާ ގޮތުން 25 މީހުން ނިސްބަތްވަނީ އިންޑިއާ އަށެވެ. ދެން ހިމެނެނީ ނޭޕާލު މީހެކެވެ. މަރުވި 26 މީހުންނަކީ ވެސް ހުސް ފިރިހެނުންނެވެ.
އިންޑިއާ ގަބޫލުކުރާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކާ ޕާކިސްތާން ސަރުކާރާ ގުޅުން އޮވެ އެވެ. އަދި ޓެރަރިސްޓް ޖަމާއަތްތަކުގެ އެޖެންޑާ ކަނޑައެޅުމުގައި ޕާކިސްތާން ސަރުކާރުގެ ކަމުވޮށިގެންވާ މީހުން ބުއްދިލައިދެ އެވެ.