ޑރ. މުހައްމަދު މުއިއްޒު

ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ގޮވާލައްވައިފި

ރާއްޖެ ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތް ސިޔާސީ ނުކޮށް، އެ މަސައްކަތުގައި ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މިކަމަށް ގޮވާލައްވާފައި މިވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި "މޯލްޑިވްސް 2.0" މަޝްރޫއެއް މިސަރުކާރުން ފެށީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބުތައް އޮޅުވާލުމުގެ އުއްމީދުގައި ކަމަށް ބުނެ ސޯޝަލްމީޑިއާގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަން ފެށުމުންނެވެ.

ފާޑުކިޔުންތަކާ ގުޅިގެން ރައީސް މުއިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިދިކޮޅު ފަރާތްތަކާ މުހިއްމު ސުވާލެއް ކުރިމަތިކުރައްވާފަ އެވެ.

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟" ރައީސް އެއްސެވި އެވެ.

އޭގެފަހުން އެމަނިކުފާނު ވިދާޅުވީ މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ. ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު ނުވަތަ ޑޭޓާގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމެއް ކަމަށެވެ.

އަދި އެއީ ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ހިދުމަތުގެ ފެންވަރު މަތީ ނިޒާމެއް ކަމަށާއި އެއީ ކޮރަޕްޝަން މަދު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެ، ރައްޔިތުން އެދޭ އަމާޒަށް ޑިޖިޓަލް ނިޒާމުގެ ތެރެއިން ދަތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މި އަމާޒަށް ވާސިލްވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިއަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު. މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން،" ރައީސް ވިދާޅުވި އެވެ.