ޔޫއެން

ޣައްޒާއަށް ފޮނުވާ އެހީގެ ތަކެތި އިޒްރޭލާ ހަވާލުކުރަން އދ ދެކޮޅު

ޣައްޒާގައި ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބެހުމުގެ މަސައްކަތްތައް ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިއުމަށް އެމެރިކާއާއި އިޒުރޭލުން ހުށަހެޅި ހުށަހެޅުމާ މެދު އދ. އިން ކަންބޮޑުވުން ފާޅުކޮށް ދެކޮޅު ހަދައިފި އެވެ.

އެމެރިކާގެ ހާރިޖީ ވުޒާރާއާއި އިޒުރޭލުގެ ސަރުކާރުން ގުޅިގެން ހުށަހަޅާފައިވަނީ "ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން"ގެ ނަމުގައި ވަކި ޖަމިއްޔާއެއް އުފައްދައި، ޣައްޒާގެ ދެކުނު ސަރަހައްދުތަކުގައި ހަތަރު މަރުކަޒު ގާއިމުކޮށް، އެތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާގެ އަމިއްލަ ދެ ކުންފުންޏަކާ ހަވާލުކުރުމަށެވެ.

މި ޕްލޭންގެ ތެރެއިން ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން ހަތަރު ކޭމްޕަކަށް ބަދަލުކޮށް، ކޮންމެ ކޭމްޕަކަށް 5,000-6,000 އާއިލާ ޖަމާކޮށް، އެއިން ކޮންމެ އާއިލާއަކުން އެކަކު އެހީ ބަހާ މަރުކަޒުތަކަށް ގޮސް ކާބޯތަކެއްޗާއި އެހީގެ ސާމާނާ ހަވާލުވުމުގެ ފުރުސަތު ދިނުމަށް ޕްލޭންގައި ވަނީ ހިމަނާފަ އެވެ.

އެހީދޭ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި އދގެ އިދާރާތަކުން މި ހުށަހެޅުމާ ދެކޮޅު ހަދައި މިފަދަ ރޭވުމެއް ތަންފީޒުކޮށްފިނަމަ ޣައްޒާގެ ނިކަމެތިންގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަ ވިދާޅުވީ އިޒުރޭލާއި އެމެރިކާގެ ހުށަހެޅުމާ އެއްގޮތަށް އަމަލުކޮށްފިނަމަ ޣައްޒާގައި ދިރިއުޅޭ ކުޑަކުދިންނާއި އާއިލާތަކުގެ ހާލަތު އިތުރަށް ގޯސްވެގެންދާ މަންޒަރު ފެންނަ ކަމަށެވެ. އެހީދޭ މަރުކަޒުތަކުން އެހީ ފޯރުކޮށްދެވޭނީ ގާތްގަނޑަކަށް 300,000 މީހުންނަށް އެކަނި ކަމަށްވާތީ ޣައްޒާގެ ގިނަ އާއިލާތަކަކާއި ކުޑަކުދިން ކާބޯތަކެތިން މަހްރޫމުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ޣައްޒާގެ އުތުރުގައި ތިބި ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ކާބޯތަކެއްޗާއި އެހީއަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ އެމީހުން މަރަށް ހުށަހެޅުމާ އެއްފަދަ އަމަލެއް," އެލްޑަ ވިދާޅުވި އެވެ.

އެލްޑަ އަކީ އޮކްޓޫބަރު 7، 2023 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަލާދީ ފެށި ގަތުލުއާންމުގެ ފަހުން އެތައް ފަހަރަކު ޣައްޒާއަށް ޒިޔާރަތްކޮށް، އެތަނުގެ ރައްޔިތުންގެ ހާލަތު ބައްލަވާފައިވާ ބޭފުޅެކެވެ.

އެލްޑަގެ ވާހަކަތަކަށް ރައްދުދީ އެމެރިކާ އިން ބުނެފައިވަނީ އެހީ ބެހުމުގައި އިޒުރޭލުން ބައިވެރިނުވާނެ ކަމަށެވެ. އެމެރިކާއިން އިޒުރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ހަކަބީ ވެސް އެ ޒާތަށް ވާހަކަ ދައްކަވާފައިވެ އެވެ.