ދުނިޔެ

ޕާކިސްތާނުން ހަމަލާދިނީ ދުވެލި ބާރު މިސައިލްތަކަކުން: އިންޑިއާ

ޕާކިސްތާނުން ރައްދުގައި އިންޑިއާއަށް ހަމަލާދިނީ ވަރަށް ދުވެލި ބާރު މިސައިލްތަކަކުން ކަމަށް ބުނެ އިންޑިއާއިން ޝަކުވާކޮށްފި އެވެ. އިންޑިއާގެ އަސްކަރީ އެތައް މަރުކަޒަކަށް ޕާކިސްތާނުން ހަމަލާދިން ކަމަށްވެސް ވަނީ ބުނެފަ އެވެ.

އިންޑިއާއަށް ހަމަލާދިނުމުގައި ޕާކިސްތާނުން ހަނގުރާމަމަތީ ޑްރޯން -- "އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލް (ޔޫސީއޭވީ) އަދި ދުރު ރާސްތާ މިސައިލާއި، ޖެޓުފައިޓަރު އަދި ޖާނުންފިދާވާ ބާވަތުގެ ޑްރޯން -- އުދުހިދާ ގޮތަށް ގޮސް ތަނެއްގައި ޖެހިގަނެ އަމިއްލައަށް ގޮވާ ބާވަތުގެ ޑްރޯން ބޭނުންކުރި ކަމަށް އިންޑިއާއިން ބުންޏެވެ.

އަސްކަރީ މަރުކަޒުތަކުގެ އިތުރުން މަދަނީ އަދި އާންމު ދިރިއުޅުންތަކަށް ވެސް ޕާކިސްތާނުން ހަމަލާތައް އަމާޒުކުރި ކަމުގެ ކަންބޮޑުވުން އިންޑިއާއިން ވަނީ ފާޅުކޮށްފަ އެވެ.

ޕާކިސްތާނުން ވެސް ވަނީ ބާރުގަދަ ހަތިޔާރު ބޭނުންކުރި ކަމަށް ބުނެފަ އެވެ. މި ގޮތުން ފަތަހަ މަރުކާގެ މިސައިލްތަކާއި ޑްރޯން ބޭނުންކުރި ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

މިސައިލުން ދިފާއުވުމަށް އިންޑިއާ ބޭނުންކުރާ އެސް400 މަރުކާގެ މިސައިލުން ޑިފެންސް ސިސްޓަމަށް ހަމަލާދިން ކަމަށް ޕާކިސްތާނުން ޓީވީން ބުންޏެވެ.

މިސައިލް ޑިފެންސް ސިސްޓާމް ހަލާކުރި ކަމަށް ޕާކިސްތާނުން ބުނި ބުނުމަކީ ބުހުތާން ގޮތެއް ކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ބުންޏެވެ. ޕާކިސްތާން ކޮޅު މޮޅުކުރަން ހަދަހަދައިގެން ބޮޑެތި ދޮގުހަދާ ކަމަށްވެސް އިންޑިއާއިން ބުންޏެވެ.

ހަނގުރާމާގައި އޮޅުވާލުމައި ދުޝްމަނުންނަށް މަކަރުހެދުން އަދި ބިސްމަޅިދުއްވުން ފަދަ ހަރަކާތްތަކަކީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުލުރެވޭ އުސޫލުތަކެއް ކަމަށް ބޮޑެތި ހަނގުރާމަައް ތަޖުރިކާކޮށްފައި ތިބި ތަޖުރިބާކާރުން ބުނެ އެވެ. އެކަމަކު މިއިން އެއްވެސް ކަމެއް ހަނގުރާމައިގެ މައިދާނުން ބޭނުވެގެން ނުވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.