ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ޑރ. އަޒްމިރަލްދާ ޒާހިރު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ނުކުރަން އެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާއާއި އެ ކޯޓުގެ އިތުރު ފަނޑިޔާރެއް ކަމަށްވާ މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރަން ނިންމައި އެ މައްސަލަ ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް މިމަހުގެ ފަސްވަނަ ދުވަހު ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށް ހަމަ އެ ދުވަހު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.
މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމާ އެކު އެ ކޮމިޓީއަށް ވަޑައިގެން މައްސަލައިގައި ވާހަކަދެއްކެވުމުގެ ފުރުސަތަކަށް އަޒްމިރަލްދާގެ އިތުރުން މަހާޒުވެސް އޮތީ ކޮމިޓީގައި އެދިވަޑައިގެންފަ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީއެންސީގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީ އިން ނިންމި ނިންމުމުގައި އިޖުރާއީ ކަމެއް ފާހަގަނުކުރެވޭތީ އެ މައްސަލަ ތަޅުމަށް ފޮނުވާށެވެ. ޝާހިދުގެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފަނޑިޔާރު މަހާޒް މަގާމުން ވަކިކުރުމަށް ޖޭއެސްސީ އިން ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެއް ނުވެ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ ކެންދޫ ދާއިރާގެ މައުރޫފް ޒާކިރު ވަނީ އަޒްމިރަލްދާ އާއި މަހާޒް އަދި ޖޭއެސްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވާފަ އެވެ. އެ ހުށަހެޅުމަށް ތާއީދުކުރައްވައި ވޯޓު ދެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް އެކަނި ކަމަށްވާތީ އެ ހުށަހެޅުން ފާސްވެފައެއް ނުވެ އެވެ.
މައުރޫފް ވަނީ ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމުގައި ހުރި އިޖުރާއީ މައްސަލަތައް ފާހަގަކުރަންވެސް ކޮމިޓީއަށް ހުށަހަޅާފަ އެވެ. ނަމަވެސް އެހެން ދުވަހަކު ކޮމިޓީގެ ބައްދަލުވުން ބާއްވަން ޕީއެންސީގެ މެންބަރުން ބޭނުންވުމުން މައުރޫފްގެ އެ ހުށަހެޅުމަށް މިއަދު ވޯޓަށް އަހާފައެއް ނުވެ އެވެ.
ކޮމިޓީގައި ވާހަކަދެއްކެވި ޕީއެންސީގެ މެންބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ޖޭއެސްސީ އިން އިޖުރާއީ ގޯހެއް ހަދާފައި ނުވާ ކަމަށެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ޖޭއެސްސީ އިން ގޯސްތަކެއް ހަދާފައިވާ ކަމަށް ގަބޫލުކުރެވޭތީ ބާ ކައުންސިލުން ވެސް ވަނީ ޖުޑިޝަރީ ކޮމިޓީގައި ވާހަކަދެއްކުމަށް ފުރުސަތަކަށް އެދިފަ އެވެ.
ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީ އިން ނިންމައި މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ތަޅުމުން އެ ހުށަހެޅުމެއް ފާސްކޮށްގެންނެވެ. އެގޮތަށް މީގެ ކުރިންވެސް އެކި މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވެ އެވެ.