އަނިޔާ އަދި އެކިކަހަލަ ގޯނާ ލިބެމުންދާ ކުދިންނަށް އެ މާހަލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވަމުން ދިއުމުގެ ސަގާފަތް ބަދަލުކުރަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން މިމަހުގެ 10 އިން 12 އަށް ބާއްވާ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް މިއަދު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވިދާޅުވީ މިއަދު ކުށުގެ މާހައުލުގައި ތިބި ކުދިންނަކީ އިއްޔެ އަނިޔާ ލިބެމުންދިޔަ ނުވަތަ ވިކްޓިމުންގެ ގޮތުގައި ތިބި ކުދިން ކަމުގައި ވުމުން، ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ކަންކަން ނިންމާއިރު މި ހަގީގަތް ގަބޫލުކުރަންޖެހޭ ކަމަށެވެ.
ހަގީގީ ހާދިސާތަކަކުން މިސާލު ޖައްސަވައި އެކަމަނާ ވަނީ މަރުގެ މައްސަލައެއްގައި ހައްޔަރުކުރެވުނު 14 އަހަރުގެ ކުއްޖެއް، އޭނާ ހައްޔަރުކުރުމުގެ ކުރިން 191 ފަހަރު ކަމާބެހޭ އިދާރާތަކާ މުއާމަލާތް ކުރެވިގެން ދިޔަކަން ފާހަަގަކުރައްވާފަ އެވެ. މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ތަހައްމަލުކުރަމުން އައި 15 އަހަރުގެ ކުއްޖަކަށް ދައުވާ ކުރެވުނު މައްސަލައެއްގައި އެތެރެއިންނާއި ބޭރުން އައި ޕްރެޝަރާއެކު އެ ކުއްޖާ މިނިވަންވި މައްސަލައެއްވެސް ފާހަަގަކުރެއްވި އެވެ.
"މި މައްސަލަތަކުން ރަމްޒުކޮށްދެނީ ކުދިންގެ ރައްކާތެރިކަމަށް އަވަސް ފިޔަވަޅު އެޅުމުގައި ނިޒާމީ ގޮތުން ފެއިލްވެފައި އޮތްކަން. ސްކޫލްތަކާއި މައިންބަފައިން އަދި އަދުލު އިންސާފު ގާއިމުކުރާ މުއައްސަސާތަކުން އެ ކުދިންގެ ފަރާތުން ފެންނަ އިންޒާރުގެ ނިޝާންތައް ދެނެގަނެ އެކަމަށް އަވަސް އިޖާބައެއް ދޭން އެބަޖެހޭ،" އެކަމަނާ ވިދާޅުވި އެވެ.

ސާޖިދާގެ ވިދާޅުވީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި ކުޑަކުދިންނާ ގުޅޭ އަނިޔާވެރި ކުށްތައް މަދުވި ނަމަވެސް ޖަލު ބަންދަށް ގެންދާ ނިސްބަތް މަތި ކަމަށެވެ. އަދި ސިޔާސަތު ހަރުދަނާކުރުމަށް އެތައް އަހަރު ހޭދަކުރި ނަމަވެސް ޒުވާން އުމުރުގައި ކުށުގެ ވެށީގައި އުޅުމުން އެކަމުގެ އަސަރު ޖީލުތަކަށް ދެމިގެންދާ ކަމުގައި ވިދާޅުވި އެވެ.
މިކަމަށް ހައްލު ހޯދުމަށްޓަކައި ގެންގުޅޭ ވިސްނުން ބަދަލުކޮށް، އާއިލީ ބައިވެރިވުން ހަރުދަނާކުރުމާއި، ހާއްސަކޮށް ބައްޕައިން ޝާމިލުވާ މިންވަރު އިތުރުކުރުމާއި، އަދި މުއައްސަސާތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް ގުޅުން ބަދަހިކުރަންޖެހޭ ކަމުގައި މެޑަމް ވިދާޅުވި އެވެ. ނިޒާމުގައި ހުރި އެކިއެކި ފޫނުބެދޭ ކަންކަމާއި ހުރެ ކުށުގެ ވެއްޓަށް ކުދިން ވަނުމަށް ހުރި ފުރުސަތުތައް ނައްތާލައި، އެ ކުދިން އެކަމުގެ ތެރެއަށް ވައްދާ ފަރާތްތައް ޖަވާބުދާރީ ނުވެ ދިއުން ހުއްޓުވުމަށް، ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެކަމަނާ އެދިވަޑައިގެންނެވި އެވެ.
މެޑަމް ސާޖިދާގެ ގޮވާލުމަށް ބޮޑު ތަރުހީބެއް، ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ގާނޫނީ ފަންނުގެ ބޭފުޅުންގެ އިތުރުން އިޖުތިމާއީ ހިދުމަތްތެރިންގެ ފަރާތުން ލިބިވަޑައިގެންނެވިއިރު އެ ބޭފުޅުންވެސް ވަނީ ކުޑަކުދިން ހިމާޔަތްކޮށް، ރިހެބިލިޓޭޓްކޮށް، ބާރުވެރިކޮށްދޭ އަދުލު އިންސާފުގެ ނިޒާމެއް އޮތުމުގެ މުހިއްމުކަން މި ކޮންފަރެންސްގައި ހިއްސާކުރައްވާފަ އެވެ.