މިދިޔަ މާޗް މަހާއި އޭޕްރީލް މަހުގެ ކަރަންޓް ބިލްގެ އަދަދު ބައެއް ގޭބިސީތަކުގައި އެއްވަރުވީ މާޗް މަހާއި އޭޕްރިލް މަހަށްވެސް ޑިސްކައުންޓު ދީފައިވާތީ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މާޗް މަހުގެ ބިލަށް ސަރުކާރުން ކަރަންޓް ދިނީ ރޯދަ މަހުގެ ހަދިޔާއެއްގެ ގޮތުގައެވެ.
ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭޕްރީލް މަހުގެ ބިލަށްވެސް ޑިސްކައުންޓް ދީފައިވާ ކަމަށެވެ.
އޭޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ދިނީ އެ މަހުވެސް ހޫނުގަދަ ވުމުން އާންމުކޮށް އޭޕްރީލް މަހުވެސް ކަރަންޓު ބިލް ބޮޑުވާތީ ރައްޔިތުންނަށް ލުޔެއް ދިނުމަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.
"ވުމާއެކު އޭޕްރީލް މަހުގެ ކަރަންޓު ބިލް މި ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު އެބިލްގައިވާ ކަރަންޓު ބޭނުންކުރެވުނު ވަރު އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް ބައެއް ބިލްތަކުގައި ބިލް އެމައުންޓް (ފައިސާގެ އަދަދު) މާޗު މަހުގެ (ރަމަޟާން މަހުގެ) ބިލާ ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މި ދެންނެވި ލުއި ދިނުމުން ކަމުގައި ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.
ސްޓެލްކޯ އިން އިތުރަށް ބުނީ ޑިސްކައުންޓް ދިނީ ކުރީ އަހަރުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި މަސްތައް ކަމަށްވާ ފެބްރުއަރީ، މާޗް އަދި އޭޕްރީލް ނުހިމަނައި ބާކީ ދެން ހިމެނޭ ނުވަ މަސް ދުވަހު ކަރަންޓް ބޭނުން ކޮށްފައިވާ އެވްރެޖަށް ވުރެ ބޮޑު ނުވާނެ ގޮތަށް ކަމަށެވެ.
ބިލްތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ހަމަޖައްސައިދީފައިވާ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.