ސްޕެނިޝް ލީގުގެ ތަށި އެއީ ބާސެލޯނާ އަދި އެ ކުލަބުގެ ސަޕޯޓަރުންނަށް އެންމެ މުހިއްމު އަމާޒު ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
މިރޭ ކުޅޭ ލަ ލީގާގެ "އެލް ކްލާސިކޯ" މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ފްލިކް މިހެން ބުނީ ލީގު ޓައިޓަލްއަށް ކުރާ ވާދަ އިތުރަށް ފޯރިގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
"އެންމެ މުހިންމު ތައްޓަކީ ސްޕެނިޝް ލީގު. 38 މެޗު ކުޅޭއިރު ކޮންމެ މެޗަކީ ވެސް މޮޅުވާން ޖެހޭ މެޗެއް. ކުލަބަށާއި ކުލަބުގެ ސަޕޯޓަރުންނަށް ވެސް އެންމެ ފުރަތަމަ އެންމެ މުހިއްމު ކަމަކަށް ވަނީ ސްޕެނިޝް ލީގު. މިހެންވެ މިރޭވެސް އަހަރެމެން ކުޅޭނީ މޮޅުވާން. އަހަރެމެންގެ އަޒުމަށް އެއްވެސް ބަދަލެއް ނާންނަކަން ދައްކާލަންވެސް ބޭނުން،" ފްލިކް ބުންޏެވެ.
މި މެޗަށް ނުކުންނައިރު ބާސެލޯނާ އޮތީ 34 މެޗުން 79 ޕޮއިންޓާއެކު އެއްވަނައިގަ އެވެ. ރެއާލް މެޑްރިޑް 75 ޕޮއިންޓާއެކު ދެވަނައިގައި އޮތުމާއެކު، ލީގު ޓައިޓަލް އަތުލުމަށް ރެއާލްއިން މިރޭގެ މެޗުގައި ކޮންމެހެން މޮޅުވާންޖެހޭނެ އެވެ.
ބާސެލޯނާ ވަނީ އެންމެފަހުން ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ އިންޓަ މިލާން އަތުން ބަލިވެ ބޮޑު މާޔޫސްކަމަކާ ކުތިމަތިލާން ޖެހިފަ އެވެ. އެހެންނަމަވެސް ފްލިކް ބުނަނީ އެ މެޗުގައިވެސް ބާސެލޯނާއިން އެކަށީގެންވާ ވަރަށް ކުޅެ، މޮޅުވެވޭނެކަން ދެއްކި ކަމަށެވެ.
މި ސީޒަނުގައި ބާސެލޯނާއިން ވަނީ ސްޕެނިޝް ސުޕަ ކަޕާއި ކޮޕަ ޑެލް ރޭގެ ތަށި ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު ހޯދާފަ އެވެ. އަދި ލީގުގައި މިދެ ޓީމު ކުރިން ބައްދަލުކުރި މެޗުގައިވެސް މޮޅުވެފައިވަނީ ބާސާ އެވެ.