މިރޭ ކުޅޭ އެލް ކްލަސިކޯ މެޗުގައި ކުޅުންތެރިން އޭނާގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވާނަމަ ބާސެލޯނާ ބަލިކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
މި ސީޒަނަށްފަހު ޓީމާ ވަކިވާ ކޯޗު ބުނީ މި މެޗުގެ ނަތީޖާ ކަނޑައެޅުމުގައި ހިލޭޖެހުންތަކާއި ކޯނަރުތަކުގެ ދައުރު މުހިއްމު ވާނެ ކަމަށެވެ.
"މިދިޔަ ހަތަރު މެޗަށް ބަލާއިރު ބާސެލޯނާއިން ހޯދި ހަތަރު ގޯލަކީވެސް ސެޓްޕީސްތަކުން ވަދެފައިވާ ގޯލުތަކެއް. އެހެންވީމާ އަހަރެމެން އެކަމަށް ތައްޔާރުވާން ޖެހޭނެ. ކުޅުންތެރިން އަހަރެން ބުނާ ގޮތަށް ހަދައިފިނަމަ މި މެޗުން މޮޅުވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އަންޗެލޮޓީ ބުންޏެވެ.
މި ދެ ޓީމު މިރޭގެ މެޗަށް ނުކުންނައިރު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ރެއާލްއަށް ވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މިހެންވެ ދެވަނައިގައިވާ ރެއާލްއަށް ލީގަށް ވާދަކުރެވެން އޮތީ ބާސެލޯނާ ބަލިކޮށްގެންނެވެ.
"މިއީ ވަރަށް ރަނގަޅު ލީގެއް. ދެ ޓީމު ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގެއް އޮތް ނަމަވެސް މި މެޗު ކާމިޔާބުކޮށްފިނަމަ ލީގު ހޯދުމުގެ ވާދަވެރިކަން އަލުން ވަރުގަދަވެގެންދާނެ. އަހަރުމެންގެ މަގުސަދަކީ މި މެޗު ކާމިޔާބުކޮށް ބާސެލޯނާއަށް ޕްރެޝަރު ކޮށްލުން،" އަންޗެލޮޓީ އިތުރަށް ބުންޏެވެ.
ގިނަ ކުޅުންތެރިން އަނިޔާގައި ތިބި ނަމަވެސް ޓީމުގައި ހިލޭޖެހުންތައް ޖެހުމުގައި މަޝްހޫރު ކުޅުންތެރިން އެބަތިބި ކަމަށް އަންޗެލޮޓީ ފާހަގަކުރި އެވެ. މީގެ ތެރޭގައި ކެޕްޓަން ލޫކާ މޮޑްރިޗް އަދި ޒުވާން ފޯވާޑް އާރްދާ ގުލާގެ ނަން އޭނާ ފާހަގަކުރި އެވެ.
އަނިޔާއިން އަރައިގަނެ ފަރިތަކުރަން ފަށާފައިވާ ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯއާ ބެހޭގޮތުން ސުވާލުކުރުމުން އަންޗެލޮޓީ ބުނީ ފުރަތަމަ އެގާރައިގައި ކުޅުވާނެ ކުޅުންތެރިންގެ ލިސްޓު އަދި ނުނިންމާ ކަމަށެވެ.
"އާރްދާ ގުލާ ފަދައިން ރޮޑްރީގޯ އަކީވެސް މި މެޗުގައި ފުރަތަމަ އެގާރައިގައި ކުޅުވިދާނެ ކުޅުންތެރިއެއް. އަހަރުމެން އެބަޖެހޭ ހިލޭ ޖެހުންތަކަށް ވަރަށް ބޮޑަށް ތައްޔާރުވާން. އެކަމަށް އަރްދާ ގުލާ އާއި ލޫކާ މޮޑްރިޗްގެ ބޭނުން ހިފުން މުހިންމު،" އަންޗެލޮޓީ ވިދާޅުވިއެވެ.
ފުޓްބޯޅައިގައި ނަތީޖާ ނުކުންނާނީ ހުރިހާ ޑިޕާޓްމަންޓެއް އެއްވަރަކަށް މަސައްކަތްކުރާ ޓީމެއްގެ ތެރެއިން ކަމަށާއި، މި މެޗުގައި އެޓޭކާއި ޑިފެންސްވެސް ރަނގަޅު ކުރަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
އަންޗެލޮޓީ އިތުރަށް ބުނީ ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލަށް ނުގޮސް އިންޓަ މިލާން އަތުން ބާސެލޯނާ ކެޓީވެސް ހުރަސްތަކާއި ހިލޭޖެހުންތަކަށް ރަނގަޅަށް ތައްޔާރު ނުވެވުމުގެ ސަބަބުން ކަމަށެވެ.