ދިރާގު

ދިރާގުން ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ބޭއްވުމަށް ޕާޓްނާޝިޕް ހަދައިފި

މި އަހަރު ހޮޓެލިއާ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ މައި ހަރަކާތްތައް ބޭއްވުމަށް ދިރާގުން ހޮޓެލިއާ މޯލްޑިވްސްއާ ބައިވެރިވެއްޖެ އެވެ.

މި ޕާޓްނާޝިޕްގެ ދަށުން ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ސިނާއަތަށް ނިސްބަތްވާ ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތްތައް ކަމުގައިވާ "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް" ބޭއްވުމުގައި ދިރާގުން މުހިންމު ދައުރެއް އަދާކުރާނެ އެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ ޑިޖިޓަލް އިނޮވޭޝަންގެ ޒަރިއްޔާއިން ސިނާއަތްތައް ބާރުވެރިކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

"ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ ހޮސްޕިޓަލިޓީގެ ގޮތުން މިހާ ވަރުގަދަ ޑެސްޓިނޭޝަނެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ މި ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ފަންނުވެރިންގެ އަގުވަޒަންކުރުމުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އަލީ ރިޔާޒް ވިދާޅުވި އެވެ.

ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހު އެވެ.

މި އެވޯޑް ހަފްލާގައި ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ފަންނުވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުން ހޯދައިފައިވާ ކާމިޔާބީތައް އަގުވަޒަންކޮށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ފުރަތަމަ ފަހަރަށް ބާއްވައިފައިވަނީ 2024 ވަނަ އަހަރު އެވެ. އެ އަހަރު 300 އަށް ވުރެ ގިނަ ނޮމިނޭޝަންސް އަދި 100،000 އަށް ވުރެ ގިނަ އާންމު ވޯޓުއާއެކު ބޮޑު ތަރުހީބެއް ލިބުނެވެ.

މި އަހަރުގެ އެވޯޑްސްއަށް އެއަށްވުރެ ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. މި ގޮތުން އެކި ކެޓަގަރީތަކަށް 450 އަށްވުރެ ގިނަ ނޮމިނޭޝަން އަދި ހަތަރު އާ އެވޯޑް ސެގްމަންޓެއް ތައާރަފުކޮށް 600،000 އަށްވުރެ ގިނަ އާންމު ވޯޓު ވަނީ މިދިޔަ މަހުގެ 25 ގައި ވޯޓުލުން ބަންދުކުރުމާ ހަމައަށް ލިބިފަ އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވެ، އެ ދާއިރާ ކުރިއަރުވައި، ހަރުދަނާކޮށް، އަދި އެ ދާއިރާގެ ފަންނުވެރިންނަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދޭނެ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.