ބައްސާމް އަދީލް ޖަލީލް

ފައިސާގެ ކަންކަމެއް ނުކުރަން، އެކަންކުރީ ބައްސާމާއި އަގީލް: ޖަވާޒު

އެފްއޭއެމްގެ ވަޒީފާގައި ހުރި ފައިސާއާ ގޅޭ ކަންކަން ނުކުރައްވާ ކަމަށާއި، އެކަން ކުރަނީ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހައްމަދު އަގީލް އާއި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށް އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ފައިސާގެ ކަންކަން ނުކުރައްވާ ކަމަށް އެ އިދާރާގެ އިދާރީ އެންމެ އިސްވެރިޔާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެއް އަދާކުރެއްވި ޖަވާޒް ވިދާޅުވީ ބައްސާމްއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި މިއަދު ހެކިބަސް ދެމުންނެވެ.

ބައްސާމަށް ދައުވާ ކުރީ އެފްއޭއެމްއަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައި ގައެވެ.

އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަ ގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ބައްސާމްގެ އިތުރުން، އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލްގެ މައްޗަށްވެސް ވަނީ ދައުވާކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބައްސާމާ ދެކޮޅަށް ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނަގަން ވަނީ ފަށާފަ އެވެ. އެކަމަކު މިއަދު ހާޒިރު ކުރެވުނީ ހަމަ އެކަނި ޖަވާޒް އެވެ. އަގީލްއަކީވެސް މިއަދު ހާޒިރު ކުރަން އޮތް ހެއްކެކެވެ. އެކަމަކު އަގީލްއަށް ގުޅޭ ގޮތް ނުވެގެން އޭނާ މިއަދު ހާޒިރު ނުކުރެވެ އެވެ.

ޝަރީއަތުގައި ހެކިބަސް ދެމުން ބައްސާމާ އެންމެ ގާތުން މަސައްކަތް ކުރެއްވި ޖަވާޒުގެ ހެކިބަހުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ އެފްއޭއެމްގެ އިދާރީ ކަންކަން ހިނގަމުންދިޔަ ގޮތާއި، ފައިސާގެ މުއާމަލާތް ހިނގަމުން ދިޔަ ގޮތެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފްއޭއެމަށް ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމުގައި އަބަދުވެސް އިސްކޮށް އުޅުއްވީ އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން ބައްސާމް އެވެ. ބައްސާމްގެ ބެއްލެވުމުގެ ދަށުން އެ ޒިންމާ އޮންނަނީ އެސޯސިއޭޝަންގެ ފައިނޭންސް ޑިޕާޓްމަންޓަށް ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު ބައެއް ފަހަރު ޗެކުގައި އާއި ޕޭމަންޓް ވައުޗަރުގައި ސޮއި ކުރައްވާ ކަމަށް ޖަވާޒު ވިދާޅުވި އެވެ.

"ފައިސާގެ ކަންކަމުގައި އެންމެ އިސްކޮށް ހުންނާނީ ބައްސާމް. ދެން ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑު، އެންމެ ފަހުން ހުންނެވީ މުހައްމަދު އަގީލް. ދެން ހަނދާންވޭ، އަލީ މޫސާއަކާއި ވަފްދާ ކިޔާ ކުއްޖަކު ވެސް ހުރި ހަނދާން،" ޖަވާޒު ވިދާޅުވި އެވެ.

އެހެން މައްސަލައެއްގައި ވެސް ބައްސާމްގެ މައްޗަށް ދައުލަތުން ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފައިވެ އެވެ. އެ މައްސަލާގައި އިތުރު ދެ މީހަކާއި އަމީން ކޮންސްޓްރަކްޝަންސްގެ މައްޗަށް ވެސް ދައުވާކުރި އެވެ. އެއީ އަމިން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ ދެ ޕެންޓްހައުސްއެއް ގަތުމަށް އެފްއޭއެމްގެ ފައިސާ އިން އެއް މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކާފައިވާ މައްސަލައާއި އެ ޑޮލަރަށްވާ ދިވެހި ފައިސާ އަމީން އިން އެފްއޭއެމަށް ދައްކާފައި ނުވަނީސް ފައިސާ ދެއްކި ކަމަށް ހަދަން ވަގު ލިޔެކިޔުން ތައްޔާރުކޮށްފައިވާ މައްސަލަ އެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައިވަނީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ބައްސާމް އަދި އޭނާގެ އަނބިކަނބަލުން އާމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ އެކި ކަންކަމަށްވެސް ބޭނުންކޮށްފައިވާ ކަމަށެވެ.

މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.