ރައްޔިތުންގެ މަޖިލިސް

ޖުޑިޝަރީ ކޮމިޓީ ސިއްރުކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރަމުން ގެންދާ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

އަޒްމިރަލްދާއާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރަން ނިންމައި އެ މައްސަލަ ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް މިމަހުގެ ފަސްވަނަ ދުވަހު ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށް ހަމަ އެ ދުވަހު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.

މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމާ އެކު އެ ކޮމިޓީއަށް ވަޑައިގެން މައްސަލައިގައި ވާހަކަދެއްކެވުމުގެ ފުރުސަތަކަށް އަޒްމިރަލްދާގެ އިތުރުން މަހާޒުވެސް އޮތީ ކޮމިޓީގައި އެދިވަޑައިގެންފަ އެވެ. އެކަމަކު އަޒްމިރަލްދާ މަގާމުން ވަކިކުރުމުގައި ޖޭއެސްސީ އިމން އިޖުރާއީ ގޯހެއް ހަދާފައިވާ ކަމަށް ކޮމިޓީގެ މެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރުންނަށް ފެނިވަޑައިނުގަންނަވާތީ ކޮމިޓީއަށް ހާޒިރުވުމަށް އަޒްމިރަލްދާއަށް ފުރުސަތު ނުދިނުމަށް ކޮމިޓީން އިއްޔެ އޮތީ ނިންމާފަ އެވެ. މަހާޒްގެ މައްސަލައިގައި ކޮމިޓީގައި އިއްޔެ މަޝްވަރާކުރައްވާފައެއް ނުވެ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ އިޖުރާއީ ގިނަ ގޯސްތަކެއް ހަދައިގެން ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި ނާޒިލް ފާހަގަކުރެއްވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ކަމަށް ޖޭއެސްސީގެ ރިޕޯޓްގައި ބަޔާންކޮށްފައި އޮތް މައްސަލަ އެވެ. އެކަމަކު އެއީ ފުލުހުންވެސް ތަހުގީގުގައި އަދި ބަންދު މަޖިލީހުގައި ވެސް އެކަން ހިނގި ގޮތް ކަމަށް ބުނެފައިވާ ގޮތް ނޫން ކަމަށް ނާޒިލް ވިދާޅުވި އެވެ.

ޑރ. އިސްމާއިލްގެ ވާހަކަ އެ ވަގުތު ލައިވްކުރަމުން ދިޔަ ކޮމިޓީގައި ނާޒިލް ދައްކަވަން ފެއްޓެވުމުން ޕީއެންސީގެ ހުޅުދޫ ދާއިރާގެ މެންބަރުން މުހައްމަދު ޝާހިދު ވިދާޅުވީ ކޮމިޓީއަށް ޖަވާބުދާރީ ނުވެވޭ ބޭފުޅެއްގެ ވާހަކަ އެގޮތަށް ފަޟީހަތްވާ ގޮތަށް ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެހެންވެ އޭނާ ވަނީ ކޮމިޓީ ސިއްރު ކުރަން ހުށަހަޅުއްވާފަ އެވެ.

ކޮމިޓީ ސިއްރުކުރަން ވޯޓަށް އެހުމުން އެ ހުށަހެޅުން ފާސްވީ ޕީއެންސީގެ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު ފިޔަވައި އެ ޕާޓީގެ އެހެން މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ޖުޑިޝަރީ ކޮމިޓީ ސިއްރުކުރަން ފާސްކުރުމުން ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވަނީ ކޮމިޓީ ބޮއިކޮޓް ކުރައްވާފަ އެވެ.