ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ އެއްވަނަ -- ޗައިނާއިން މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 884،802 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 11.4 ޕަސެންޓަކީ ޗައިނާ ފަތުރުވެރިންނެވެ.
ޗައިނާއަށްފަހު ދެން އެންމެ ގިނަ ފަތުރުވެރިން މި އަހަރު ރާއްޖެ އައީ ރަޝިއާ އާއި އިނގިރޭސިވިލާތުންނެވެ. އެގޮތުން ރަޝިއާއިން 95،144 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 91،690 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ޓޫރިޒަމް މާކެޓްގެ ހަތަރު ވަނައިގައި އޮތް އިޓަލީ އިން މި އަހަރު 78،592 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ފަސް ވަނައިގައި އޮތް ޖަރުމަނުން 67،978 ފަތުރުވެރިން އަދި ހަވަނައިގައި އޮތް އިންޑިއާއިން 46،953 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.
ޓޫރިޒަމް މާކެޓްގެ ހަތްވަނައިގައި އޮތް ފްރާންސުން 32،851 ފަތުރުވެރިން ޒިޔާރަތްކުރިއިރު އަށްވަނައިގައި އޮތް އެމެރިކާއިން 27،856 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މީގެ އިތުރުން ނުވަވަނައިގައި އޮތް ސްވިޓްޒަލޭންޑުން 21،028 ފަތުރުވެރިން އަދި 10 ވަނައިގައި އޮތް އޮސްޓްރޭލިއާއިން 15،734 ފަތުރުވެރިން މި އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 70.9 ޕަސެންޓް -- 626،920 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ.
ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 23.6 ޕަސެންޓް -- 208،952 ފަތުރުވެރިންނެވެ.
ހޮޓާތަކުގައި 26،219 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 22،129 ފަތުރުވެރިން އަދި އެހެނިހެން ތަންތަނުގައި 581 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 832 ގެސްޓްހައުސް އާއި 158 ސަފާރީ އުޅަނދު އަދި 16 ހޮޓާ ދަނީ ހިންގަމުންނެވެ.