ޔުމްނު ވެއްޓުން

ޔުމްނު ވެއްޓުން: ކޮމިޝަންގެ ތަހުގީގަށް މައުލޫމާތު އެއްކުރަން ފަށައިފި

ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އެ ހާދިސާގެ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ހާއްސަ ކޮމިޝަނުން މައްސަލައާއި ގުޅޭ ތަންތަނަށް ޒިޔާރަތްކޮށް ކަމާ ގުޅޭ މީހުންނާ ސުވާލުކޮށް މައުލޫމާތު އެއްކުރަން ފަށައިފި އެވެ.

ރައީސްގެ ގަރާރަކުން ހާއްސަ ކޮމިޝަން އުފެއްދެވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. ނަމަވެސް އޭރު ތިން މެންބަރުންގެ މައްޗަށް އެކުލަވާލި ކޮމިޝަންގައި ހިމެނޭ މެންބަރަކު އިސްތިއުފާ ދެއްވުމުން ރައީސް ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ފަސް މެންބަރުން ހިމެނޭ ގޮތަށް ކޮމިޝަނަށް ބަދަލު ގެނެސްފަ އެވެ. ކޮމިޝަންގެ ވެރިޔަކަށް ހަމަޖައްސަވާފައިވަނީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު އެވެ.

ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ކޮމިޝަނުން ބުނީ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، ގުޅުންހުރި އިދާރާތަކުގެ ކަމާއި ގުޅޭ މުވައްޒަފުންނާ ބައްދަލުކޮށް، މައްސަލައާ ގުޅުންހުރި މީހުން މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ގާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ދީފައިވާ ކޮމިޝަންގެ ތަހުގީގަށް އާންމުންނަށްވެސް މައުލޫމާތު ހިއްސާ ކުރެވޭ ގޮތް ހެދުމަށް ހާއްސަ ޕޯޓަލެއްވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅޭ ފޮޓޯއާއި ވީޑީއޯ އާއި އެނޫންވެސް ކަމާ ގުޅޭ އެއްޗެއް އޮތް ނަމަ ޕޯޓަލް މެދުވެރިކޮށް ކޮމިޝަނާ ހިއްސާ ކުރުމަށްވެސް އެދިފައިވެ އެެވެ.

ޔުމްނުއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު އޭނާއަށް މިހާރު ފަރުވާ ދެނީ މެލޭޝިއާގައެވެ.

މައްސަލައިގެ ތަހުގީގަށް އެކަކު ހައްޔަރުކޮށް ނުވަ މީހަކު ފުރުން ވަނީ މަނާކޮށްފަ އެވެ.