ދުނިޔެ

ޔުރޭނިއަމް މުއްސަނދިކުރުން މުޅިން ހުއްޓައެއް ނުލާނަން: އިރާން

ޔުރޭނިއަމް މުއްސަނދިކުރުން އީރާނުން މުޅިން ހުއްޓައި ނުލާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވެއްޖެ އެވެ.

ޔުރޭނިއަމް މުއްސަނދިކުރުން މުޅިން ހުއްޓައިނުލި ނަމަވެސް، އައްބާސް ވިދާޅުވީ އެމެރިކާއާ އެކު އިތުބާެރުން މެހެއްޓުމަށް ނިއުކްލިއާ މަޝްރޫއުތައް މަރުހަލާތަކަކަށް ބަހާލެވިދާނެ ކަމަށެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތަކުން ކުރިއެރުން ލިބެމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. މަޝްވަރާތަކުގެ ހަތަރު ވަނަ ބުރު ނިމިފައި ވާއިރު ދެ ގައުމުގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ އިތުބާރެއް އތޮް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަތަރު ވަނަ ބުރުގެ މަޝްވަރާތައް އޮތީ އޮމާންގެ ވެރިރަށް މަސްގަތުގަ އެވެ.

އީރާންގެ ނިއުކްލިއާ މަޝްވަރާތައް އަލުން ފަށާފައި މި ވަނީ އީރާންގެ ލީޑަރު އަލީ ޚާމަނާއީއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުން އެމެރިކާއާ އެކު އީރާނުން އެއްބަސްވުމެއް ގާއިމުނުކޮށްފި ނަމަ ދެން އޮތީ އަސްކަރީ ހަމަލާތަކާ ކުރިމަތިލުމެވެ. އެމެރިކާއާ ބައިވެރިން އިރާނުން ހަނަފަސްކޮށްލާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ ސިޓީއަށް ޖަވާބުދެމުން އިރާނުން ބުނީ އީރާން އޮތީ ބިރަށް ހޭނިފައި ކަމަށެވެ. އެެމެރިކާއިން ބިރުދައްކައި އިންޒާރުދޭހާ ހިނދަކު މަޝްވަރާނުކުރާނެ ކަމަށްވެސް އީރާނުން ބުންޏެވެ. އަދި އެމެރިކާއާ ސީދާ މަޝްވަރާނުކުރާނެ ކަމަށާއި މެދުވެރިއެއް ގޮތުގައި އޮމާން އިޚުތިޔާރުކޮށްފި ނަމަ މަޝްވަރާކުރެވިދާނެ ކަމަށްވެސް އީރާނުން ބުންޏެވެ.

އީރާނުން މީގެ ކުރިން -- 2015 ގައި ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެމެރިކާގެ ވެރިކަމުގައި ބާރަކް އޮބާމާ ހުންނެވިއިރު ސޮއިކުރި މި އެއްބަސްވުމުގައި ޗައިނާ، ފަރަންސޭސިވިލާތް، ރަޝިއާ، އިނގިރޭސިވިލާތް ޖަރުމަނު އަދި އެމެރިކާ ބައިވެރިވި އެވެ.

ނަމަވެސް، 2018 ގައި ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި މި އެއްބަސްވުން އުވާލައި އީރާނަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތައް އެތައް ގުނައަކަށް ހަރުކަށިކޮށްފަ އެވެ.