ފަލަސްތީނަށް މިނިވަން ދައުލަތެގެ ޝަރަފު ލިބެންޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް ގަބޫލުކުރައްވައި އިއުލާންކުރެއްވުން އެކަށީގެންވާ ކަމަށް ޚަބަރުތައް ބުނަން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކަށް، ޚާއްސަކޮށް ސައޫދީ އަރަބިއްޔާއަށް ޓްރަމްޕް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުގައި، މިކަން ރަސްމީކޮށް އިއުލާންކުރައްވާނެ އެވެ.
މެދުއިރުމައްޗަށް ދާއިމީ ސުލްހަ އޮތީ ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބިގެން ކަމަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އިގުރާރުވެ އެވެ. އަދި 147 ގައުމަކުން ވަނީ ފަލަސްތީންގެ ދައުލަތް ރަސްމީކޮށް ބަލައިގެންފަ އެވެ. އޭގެ ތެރޭގައި މެދުއިރުމަތީގެ ގައުމުތަކުގެ އިތުރުން ރަޝިއާ، އެފްރިކާ، އޭޝިއާ އަދި ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނެ އެވެ.
އެކަމަކު އެމެރިކާއާ އިޒުރޭލުން މިކަން ބަލައެއް ނުގަނެ އެވެ.
ގަލްފް ގައުމެއްގެ ޑިޕްލޮމެޓިކް އޮފިޝަލަކު، ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުން ފަލަސްތީނަށް މިނިވަން ދައުލަތެއް އެމެރިކާއިން ގަބޫލުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިކަމުގައި ހަމާސްއަށް އެއްވެސް ހައިސިއްޔަތެއް އޮތުމަކީ އެމެރިކާ އެދޭ ގޮތް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭ ކަމަށް އެމެރިކާއިން ގަބޫލުކޮށް އަމަލީ މަސައްކަތްތަކަށް ފުރުސަތުދީފި ނަމަ، މިކަން ވެގެންދާނީ ދުނިޔެއަށް ބޮޑު ބަދަލަކަށެވެ. އަދި މެދުއިރުމަތީގެ ޗާޓު އަލުން ކުރަހަން ޖެހޭ ވަރުގަ ކަމަކަށެވެ.