ލަ ލީގާ

ވިދިވިދިގެން 4 މެޗުން ބާސާ އަތުން ރެއާލް ބަލިވެއްޖެ

ވިދިވިދިގެން 4 މެޗުން ބާސާ އަތުން ރެއާލް ބަލިވެއްޖެ އެވެ.

ރެއާލް މިރޭ ބަލިވުމާ ގުޅިގެން މިދިޔަ ސީޒަނުގައި 5 ތަށި ނެގި ރެއާލްއަށް މިސީޒަނުގައި އެންމެ ތައްޓެއްވެސް ލިބިދާނެ ކަމާ ދޭތެރޭ މިހާރު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.

މިރޭގެ މެޗުގައި ބާސެލޯނާއަށް ލިބުނު ކާމިޔާބީއަކީ އެލް ކްލާސިކޯގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅުވުމެކެވެ. ބާސާ އަށް މިސީޒަނުގައި މިއީ ލީގުގެ ދެ މެޗާއި، ސްޕެނިޝް ކަޕާއި ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ރެއާލްގެ މައްޗަށް ކާމިޔާބު ކުރި ހަތަރުވަނަ މޮޅުވުމެވެ.

މިރޭގެ މެޗުގެ ފަސްވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ރެއާލަށް ލީޑު ނަގައިދިން އިރު، ނުވަ މިނިޓު ފަހުން އޭނާ ވަނީ ދެވަނަ ގޯލެއް ޖަހައި ރެއާލްގެ ސަޕޯޓަރުންނަށް އުއްމީދު ގެނެސްދީފަ އެވެ.

އެކަމަކު ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސެލޯނާ ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައި ރެއާލްގެ ކުޅުންތެރިން ސިއްސުވާލައި މާޔޫސްކޮށްލާފަ އެވެ. ބާސާގެ ފުރަތަމަ ލަނޑު މެޗުގެ 19 މިނެޓްގައި ޖަހައިދިނީ އެރިކް ގާސިއާ އެވެ. މެޗުގެ 32 ވަނަ މިނެޓްގައި ލަމީން ޔަމާލް ދެވަނަ ލަނޑު ޖަހައިދިން އިރު ފަހު ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ ރަފީނިއާ އެވެ. އޭނާ ބާސާއަށް ގޯލް ޖަހައިދިނީ 34 ވަނަ މިނިޓާއި 45 ވަނަ މިނިޓް ގައެވެ.

ރެއާލް މެޑްރިޑްގެ ކުޅުންތެރިން ދެވަނަ ހާފްގައި ލަނޑު ޖަހައި މޮޅުވާން މަސައްކަތް ކުރި ނަމަވެސް އެ ޓީމަށް ކޮށްލެވުނު ވަރަކީ އެމްބާޕޭއަށް ހެޓްރިކެއް ހަދައިދިނުމެވެ. އެމްބާޕޭގެ ހެޓްރިކަށްފަހު ރެއާލްއަށް އިތުރު ގޯލެއް ނުޖެހި މެޗު ޖެހުނީ ލަދުވެތި ބައްޔަކުން ނިންމާލަށެވެ.

މިރޭގެ މެޗަށްފަހު ލީގު ޓޭބަލްގައި ބާސެލޯނާ ވަނީ ލީޑް ފުޅާކޮށްފަ އެވެ. ބާސާއަށް 35 މެޗު ކުޅެގެން 82 ޕޮއިންޓް ލިބިފައިވާއިރު ރެއާލްއަށް ދެވަނަ ލިބެނީ 75 ޕޮއިންޓުންނެވެ.

މި މެޗުގެ ނަތީޖާއާ އެކު ބާސެލޯނާ މިވަނީ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ ތިން މެޗު އޮތް އިރު، ބާސާ އެއްވަނައިގައި އޮތީ 35 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއާލަށް ލިބިފައި ވަނީ 75 ޕޮއިންޓެވެ.