މޯލްޑިވްސް 2.0

މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިންމާލައިފި

ދިވެހިރާއްޖެ ޑިޖިޓަލް ކުރަން ކުރާ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފެށި "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" މިރޭ ނިންމާލައިފި އެވެ.

މޯލްޑިވްސް 2.0 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާހް ކުރި ޕްރޮގްރާމެކެވެ.

މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލްވާ ގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް ހިންގަން ފަށާ މަޝްރޫއެކެވެ. މި މަޝްރޫއަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންގިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް ތިން އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫއެކެވެ.

ތިން ދުވަހަށް ކުރިއަށް ގެންދިޔަ މި ސަމިޓުގައި، މޯލްޑިވްސް 2.0 ގައި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ސައިބަ ސެކިއުރިޓީ ހަރުދަނާކުރުމާއި، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައިޑީގެ ޒަރީއާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުއާމަލާތްތަކަށް މަގުފަހިކުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޒާތީ މައުލޫމާތާއި ޑޭޓާ، ރައްކާތެރިކަމާއެކު އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް، ވަގުތުން ވަގުތަށް ފޮނުވޭނެ، ޑޭޓާ އެކްސްޗޭންޖް ލޭޔަރެއް ގާއިމުކުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ ހައްސާސް މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓާ އާކައިވްކުރުމަށް ސޮވަރިން ކްލައުޑް ގާއިމުކުރުމާއި، ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމުގައި ސިޓިޒެން-ސެންޓްރިކްކޮށް، ވީހާވެސް ބޮޑަކަށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، ޑިޖިޓަލް ރޮގުން މުސްތަގުބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކުރުމާއި އަދި އައިސީޓީ ސެކްޓަރުގައި ދިވެހިންނާއި ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމާއި ގުޅޭގޮތުން މުހިއްމު ނިންމުންތަކެއް ވަނީ ނިންމާފަ އެވެ.

ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި މި ސަމިޓުން ހާސިލްކުރެވުނު ނަތީޖާތަކުގެ މައްޗަށް ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވުމުގެ އިތުރުން މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވަނީ ގައުމީ ޑިޖިޓަލް އިގުރާރު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ.

މި އިގުރާރު އެ މަނިކުފާނަށް އަރުވާފައިވަނީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ އިތުރުން މި ސަމިޓްގެ ހުރިހާ ސެޝަންތަކެއްގެ ސްޕީކަރުންނާއި މޮޑެރޭޓަރުނާއި ޕެނަލިސްޓުން އަދި އެސްޓޯނިއާ ސަރުކާރުގެ މާހިރުންގެ އިތުރުން އައިސީޓީ ކޮމިޓީގެ މެންބަރުންގެ ހާޒިރު ގައެވެ.