ވާހަކަ

ކަރުނައިގެ އަގު

( 5 މެއި 2025 އާ ގުޅޭ )

"ކޮންތާކަށް މިދަނީ؟." ޒަރަކް އަހާލި އެވެ.

"ވިލިގިއްޔަ." ރަހާ ބުންޏެވެ.

"ކީއްކުރަންތޯ އެތަނަށް ދަނީ އަހާލެވިދާނެތަ؟." ޒަރަކް ބުންޏެވެ. ރަހާ ވާހަކަދެއްކީ ކުޑަވަގުތުކޮޅެއްގެ ހިމޭންކަމަށް ފަހު އެވެ.

"އެކޮޅަށް ބަދަލުވަނީ." ރަހާ ބުންޏެވެ.

"ވަޓް ޑޫ ޔޫ މީން؟. ރަހާގެ ފެމެލީއެއް އެކޮޅުގައި ހުރީތަ؟." ޒަރަކް ސުވާލުކުރި އެވެ.

"އަހަރެން އެކަނި." ރަހާ މަޑުމަޑުން ބުނެލި އެވެ.

"އެކަންޏޭ. ރަހާ ކިހިނެއް އެކަނި އުޅޭނީ." ޒަރަކްއަށް ބުނެވުނެވެ. މިފަހަރު އޭނާ ރަހާގެ ވާހަކަ އިވި ހައިރާނެއްނުވި އެވެ. އެ އަންހެންކުއްޖާއާ ދިމާވެ މިވީ ދުވަސްތަކުގެ ތެރޭ އޭނާގެ ވިސްނުން ހުންނަ ގޮތް ޒަރަކްއަށް ކޮންމެވެސް ވަރަކަށް މިހާރު ނަގައިގަންނަން އެނގެ އެވެ. މީހަކަށް އުނދަގޫނުކުރާން އަމިއްލައަށް ކިތަންމެ ބޮޑު ތަކުލީފެއް ވެސް ރަހާ އުފުލަފާނޭކަން ޒަރަކްއަށް ޤަބޫލުކުރެވެ އެވެ.

"ކޮންމެ މީހަކަށް ވެސް ގޮތެއް އޮންނާނެއެއްނު." ރަހާ މަޑުމަޑުން ބުނެލި އެވެ.

"އަހަރެން ރަހާއާ ޖަދަލުކުރާކަށް ނެތިން. އެކަމަކު ރަހާ އެކަނި ދޫކޮށެއް ނުލެވޭނެ." ޒަރަކް ބުންޏެވެ.

"އަހަރެމެން މިހާ ގާތްކޮށް އުޅުން ރަނގަޅެއްނުވާނެ. ހިސާބެއްގެ ދުރުކަމެއް ދެމެދުގައި ބަހައްޓަން އަހަރެން ބޭނުން. ޒަރަކްއަށް އެނގޭނެ އަހަރެންނަށް ޒަރަކްގެ އިޙްސާސްތަކަށް އިޖާބައެއް ނުދެވޭނެކަން. އަދި ޒަރަކްއަށް ވެސް އެނގޭނެ ތި ހިތުގައި އަހަރެންނާ މެދު ހިނގަނީ ކޮންކަހަލަ އިޙްސާސްތަކެއްކަން." ރަހާ ބެލީ ޒަރަކްއަށް ވިސްނައިދެވޭތޯ އެވެ.

"އަހަރެން އެއްވެސް ކަމެއް ރަހާއަށް ފޮރުވާކަށްނެތިން. އެކަމަކު މިބުނީ ތެދެއް. ރަހާ ތި ހާލުގައި ވަނިކޮށް އެކަނި ދޫކޮށެއް ނުލެވޭނެ. އެހެންނޫނަސް އަހަރެން މަސައްކަތް ކުރަން ފެށީއްސުރެ ހުރިހާ ވަގުތެއްހެން ހުސްކުރަމުން އައީ ބަލި މީހުންނަށް. މިހާރު އަހަރެން ވެސް ބްރޭކެއް ނަގަންވީ ވަގުތު ޖެހިއްޖެ. މާޙައުލު ބަދަލުކޮށްލުމަކީ ވެސް ރަނގަޅު ޚިޔާލެއްހެން އަހަރެންނަށް ހީވަނީ. ވިލިގިލި... އެއީ ހިތްފަސޭހަ މާޙައުލެއް. އަނެއްކާ މި ދިމާވީ ވަރަށް ރަނގަޅަށް. ދޮންބެގެ ގެއެއް އެކޮޅުގައި ހުންނާނެ. އެ ގޭގައި ރަހާ ހުންނަންވީނު. އަހަރެންގެ ހިތެއް ނުބުނޭ ރަހާ ދިރިއުޅޭނެ ތަނެއް ވިލިގިލީގައި ހުރިހެން. މި ޚިޔާލު ކިހިނެއްވާނެ. އަހަރެންނަކީ ރަޙުމަތްތެރިއެއްގެ ގޮތުގައި ދެކިގެން ނޫޅެވޭނެތަ؟. ދުވަސްކޮޅަކަށް ހިތްހަމަޖެހިގެން އުޅެލެވޭނެއެއްނު. އަހަރެން ރަހާއަށް އުނދަގޫވާ ފަދަ ކަމެއް ނުކުރާނަން." ޒަރަކް ބުންޏެވެ.

"ޒަރަކް... ބައެއް ކަންކަން ދުލުން ބުނެލަން ފަސޭހަ ވިޔަސް އެފަދައިން ޢަމަލުކުރާންވީމާ ފަސޭހައެއްނުވާނެ. ޒަރަކްއަށް ހިތްދަތިކަމެއް ލިބޭކަށް އަހަރެން ބޭނުމެއްނޫން. އެހެންވެ މިބުނަނީ އެންމެ ރަނގަޅު ގޮތަކީ އަހަރެންނާ ދުރުވުމޭ." ރަހާއަށް ވިސްނޭ ގޮތް ހާމަކުރި އެވެ.

"ކޮންމެ އިންސާނެއްގެ ގައިގާ ވެސް ކެތްތެރިކަން ވަނީ ލައްވާފައި. އަހަރެންނަށް ފުދޭ ރަހާ ފެނިލުމުން ވެސް. އިތުރަށް ހިތްހަމަޖެހޭނެ ރަހާގެ ދަތި ހާލުގައި އެހީތެރިވާން ގާތުގައި ހުރެވޭނެތީ. ސޯ، ޕްލީޒް... އަހަރެންނާއެކީ އެ ގޭގައި ހުންނަން ރަހާ އެއްބަސްވެދީ." ޒަރަކް އާދޭހާއެކު ބުންޏެވެ.

"ޒަރަކް ކިޔަން ފަށައިފިއްޔާ ހުއްޓައެއް ނުލަމެންނު." ރަހާއަށް ބުނެވުނެވެ. އެއާއެކު ޒަރަކް ބަދަލުކޮށްލީ ނިކަން ފުޅާ ހިނިތުންވުމެކެވެ.

"ތީގެ މާނައަކީ... އޯކޭއޭތަ؟." ޒަރަކް ޔަޤީންކުރި އެވެ.

"އަހަރެން ނުކުތީ އެކޮޅުން ބަދަލުވާން އުޅޭ ތަން ބަލަން ދާން." ރަހާ ބުންޏެވެ.

"ދެން ބަލަން ދާނެކަމެއްނެތެއްނު. ހުންނާނޭ ތަން އަހަރެން މި ބުނީ. ކާރު މި އަނބުރާލަނީ. ގެއަށް ގޮސް ޕެކްކުރަން ޖެހޭނެއެއްނު. ޖިންޖަރ ނުލާ ނުދެވޭނެ ދޯ." ޒަރަކްގެ އަޑުގައިވީ އުފާވެރިކަން ސިއްރެއްނުވެ އެވެ.

* * * * *

ގެއަށް ވަންނަމުން ފޯނަށް ވާކިފް ބަލާލި އެވެ. ގަޑިން ފަސްގަޑި ސާޅީސް ތިނެއް ހިނގީ އެވެ. އިރުއޮއްސުމުގެ ކުރީން ގެއަށް އާދެވުނީތީ އޭނާ ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލި އެވެ. ފަޓުލޫނުގެ އަރިމަތީ ޖީބަށް ފޯނު ކޮށްޕާލާފައި ވައަތުގައި އޮތް ކޮތަޅަށް އޭނާ ބަލާލި އެވެ. އެޕާޓްމެންޓާ ހަމައަށް ދިއުމަށް ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔައިރު އޭނާގެ ޚިޔާލުތަކުގައިވީ ރަހާ އެވެ. ނުކައި ހުރެ ދާނޭތީ އޭނާ އެ އައީ ރަހާއަށް ކާ އެއްޗެހި ހިފައިގެންނެވެ.

"ޝީ ލަވްސް ސީފުޑް." އަމިއްލަ ޟަމީރާ ވާކިފް ވާހަކަދެއްކި އެވެ. ރަހާގެ ޠަބީޢަތް ކާ އެއްޗެހިން ރަނގަޅުވާނޭ ކަމުގެ އުންމީދުގައި ވާކިފް ހުރި ކަހަލަ އެވެ.

އެޕާޓްމެންޓަށް ވާކިފް ވަނުމުން އޭނާއަށް ގޭތެރެއިން މަރުޙަބާކީ ހިމޭންކަމާއި އަނދިރިކަމެވެ. ސިޓިންރޫމުގައި އެހެންޏާ ހުޅުވާފައި ހުންނަ ޓީވީގެ އަޑެއް ނެތެވެ. ބަދިގޭގެ ބޮކި ދިއްލާފައި ހުރީތީ އެތަނުން ފާޅުވާން ހުރި އަލިކަމުގެ ރިވެލި ހިސާބަކަށް ސިޓިންރޫމަށް އެޅިފައި ހުއްޓެވެ. ވާކިފް ފުރަތަމަ ކަމަކަށް ސިޓިންރޫމު އަލިކޮށްލީ އެވެ. ދެން އޭނާ ބަދިގެއަށް ގޮސް ކާމޭޒު މަތީ އަތުގައި އޮތް ކޮތަޅު ބެހެއްޓި އެވެ. ނިދާ ކޮޓަރިއާ ދިމާއަށް ހަލުވި ފިޔަވަޅުގައި ވާކިފް އައީ ރަހާ ނިދާފައި އޮތީއޭ ހީކޮށެވެ.

"ރަހާ..." ކޮޓަރިއަށް ވަންއިރު އެނދުމަތިން އަނބިމީހާ ނުފެނުމުން ވާކިފް ގޮވާލައިފި އެވެ. އޭނާ އައިސް ފާޚާނާގެ ދޮރުގައި ހިފާލި އެވެ. ބޮކި ދިއްލާފައި ހުރިނަމަ ފާޚާނާގެ ދޮރުން ފެންނަން ހުންނާނޭކަން ވާކިފަށް ވެސް އެނގެ އެވެ. އެހެންވިޔަސް އޭނާއަށް ރަހާގެ ނަމުން ގޮވާލެވުނީ ބޭއިޚްތިޔާރުގަ އެވެ. ކޮޓަރިން ނުފެނުމުން ފާޚާނާގައި ވެދާނޭ ހީކުރެވިފަ އެވެ.

ހަލުވި ފިޔަވަޅުގައި ވާކިފް ގޭތެރޭގެ އެކިތަން ބަލަންފެށި އެވެ. އެއްވެސް ކޮޓަރިއެއްގައި ރަހާއެއް ނެތެވެ. ބެލްކަންޏަކު ވެސް ރަހާއެއް ނެތެވެ. ދެން އޭނާ ބަލަންވީ ކޮންތަނެއްކަމެއް ނޭނގުނެވެ. އެނބުރި އައިސް ނިދާ ކޮޓަރިއަށް އޭނާ ވަނެވެ. ޖީބުން ފޯނު ނެގި ގޮތަށް ރަހާގެ ނަންބަރަށް ގުޅައިފި އެވެ. ދެން ވެސް ވާކިފަށް ކުރިއެރުމެއް ނުލިބުނެވެ. ރަހާ ފޯނު އޮތީ ނިއްވާލާފަ އެވެ. ޔަޤީންނުވެގެން ދެތިން ފަހަރަށް ވާކިފް ގުޅި އެވެ. އިވިގެން ދިޔައީ ހަމަ އެއް މެސެޖެކެވެ. އޭނާ މަޑުމަޑުން އެނދުގެ ފައިލާކޮޅުގައި އިށީނެވެ. އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން ވާކިފް ވިސްނާލި އެވެ.

"ކޮންތާކަށްބާ ރަހާ ދިޔައީ؟. ކުލިނިކަށް ދިޔައީތަ؟. އެ ޑަކްޓަރާ ބައްދަލުކުރަންތަ؟. ނޫން... އެހިސާބަށް އަދި ވިސްނުން ގެންދާކަށް ނުވޭ. އެކަމަކު އެހެންޏާ އަހަރެން އަންނައިރު ރަހާ ގޭގައި އިންނާނެ. އަހަރެން ކައިރީ އަވަހަށް އަންނައްޗޭ ބުނެފައި ރަހާ ކޮންތާކަށް އެ ދިޔައީ." ވާކިފް އެކި ގޮތްގޮތަށް ވިސްނި އެވެ.

ކަރުގައި އޮތް ޓައީއަށް ދޫ ދެމުން ވާކިފް އެނދުން ތެދުވި އެވެ. ކަރުން ޓައީ ނަގައި އެނދުމައްޗަށް ވައްޓާލާފައި ގަމީހުންގެ މަތިން ދެތިން ގޮށް އޭނާ ނައްޓާލި އެވެ. އަތްދިގު ގަމީހުގެ އަތްކުރީގައިވާ ކަފްލިންކް ވެސް އެނދުމައްޗަށް އެއްލާފައި އަތްކުރި މުލައްދަނޑި ފާޅުވާވާރަށް އޮޅާލައިފި އެވެ. އޭނާ ދެން ކޮޓަރިން ނުކުމެގެން އައިސް ސިޓިންރޫމު ސޯފާގައި އިށީނެވެ. ކުރިމަތީ ހުރި ކޮފީމޭޒުމަތިން ރިމޯޓު ނަގައި ޓީވީ ހުޅުވާލި އެވެ.

"ބަންގި ގޮވަންވާއިރަށް ރަހާ އަންނާނެ." ވާކިފް ހިތާހިތާ ކިޔާލި އެވެ. ނަމާދުގަޑިއަށް ރަހާ ފަރުވާތެރިވާވަރު އޭނާއަށް އެނގޭތީ ޔަޤީންކުރީ މަޣްރިބު ނަމާދަށް ގޮވާއިރު ރަހާ ގެއަށް އަންނާނޭ ކަމެވެ.

ރަހާގެ އިންތިޒާރުގައި ވާކިފް އިންދާ ޓީވީއިން މަޣްރިބު ނަމާދު ބަންގި ގޮވައިފި އެވެ. ދެން ވެސް ރަހާގެ ޚަބަރެއް ނުވީތީ ވާކިފް ހާސްވާންފެށި އެވެ. ހަތެއް ޖެހުމާ ކައިރިވަންދެން އޭނާ ކެތްކުރި އެވެ. އެއަށްފަހު އޭނާ ގެއިން ނުކުތީ ރަހާ ފެނޭތޯ ދުއްވާލުމަށެވެ. ފަހަރެއްގައި އަތިރިމައްޗަށް ނުކުމެދާނޭ ހީކޮށެވެ. ބޭރަށް ނުކުތުމުން ވާކިފްގެ ހަނދާނަށް އޭގެ ދެމަފިރިން އެންމެ ގިނައިން ގޮސް އުޅޭ ކެފޭގެ މަތިން ހަނދާންވެ އެތަން ވެސް ބަލާލަން ދާން އޭނާ ނިންމި އެވެ.

އަތިރިމަތީ ބަލާލާފައި ވާކިފް އެއްގަމަށް ހިނގައިގަތެވެ. އޭނާ އެ ދިމާލުން ފެންނަން ހުރި ކެފޭއަށް އައިސް ވަނެވެ. އެވަގުތު މޭޒެއްގެ ދޮށުގައި އިށީނދެ އިން އަދުނާނު ތެދުވެގެން ވާކިފްގެ ގާތަށް އަތުވެއްޖެ އެވެ.

"ހާދަ ދުވަހެއްކޮށްލާފައޭ މިފެނުނީ. ކޮބާ އެމަންޖެ." އަދުނާނު އަހާލި އެވެ.

"ރަހާ ނާދޭތަ؟." ވާކިފް އަހާލި އެވެ.

"އާން. ނާދޭ." އަދުނާނު ބުންޏެވެ. އެވަގުތު އެމީހުންގެ ގާތުގައި ޒާހިރާ އައިސް މަޑުކޮށްލައިފި އެވެ.

"ކަލޭމެން ދެމަފިރިން އެކުގައި ނުފެންނަނީ ކީއްވެތަ؟. ކޮބާތަ ރަހާ؟. އެމަންޖެ ރަނގަޅުތަ؟. އެންމެފަހުން ދިމާވިއިރު ވަރަށް ބަލިވައްތަރު ޖަހާ. ހުރިހާކަމެއް ރަނގަޅުތަ؟." ޒާހިރާއާ ބެހޭކަމަކަށް ނުވިޔަސް ސުވާލުނުކޮށް އޭނާއަކަށް ނުހުރެވުނެވެ.

"ރަނގަޅު. މިހެން ދަމުން ވަދެލީ. ރަހާއާއެކު އަންނާނަން." ވާކިފް ބުންޏެވެ. އަދި އޭނާ އަވަސްވެލީ އެތަނުން ދިއުމަށެވެ. ރަހާ ޔަޤީނުން ވެސް މިއިން ދުވަހު އެތަނަށް ނާންނަކަން ޔަޤިންވެ ހުރެ އެވެ.

ބޭރުތެރޭގައި ދުއްވަދުއްވާފައި ކާމިޔާބެއް ނުލިބި މާޔޫސްކަމާއެކު ވާކިފް އެނބުރި ގެއަށް އައީ އެވެ. ރަހާ ދިޔަތަނަކުން އެނބުރި އަންނަންދެން މަޑުކުރުން ނޫންގޮތެއް ނެތޭ އޭނާ ހިތަށް އެރި އެވެ. އޭރު ބަނޑުހައި ވެސް ވާންފަށައިފި އެވެ. އެހެންވެ ވާކިފް ގަސްދުކުރީ ހެދުން ބަދަލުކޮށްލައިގެން އައިސް އޭނާ ހަވީރު ގެނައި ކޮތަޅުގައި ހުރި ކާއެއްޗެހި ކާށެވެ.

އޮފީސް ހެދުން ބާލާފައި އެއްފަރާތުގައި ދާވަށްޓަށް އެ އެއްޗެހި ވައްޓާލުމަށްފަހު ވާކިފް ކައިރިވެލީ އަލަމާރިއާ އެވެ. ޓީޝާޓެއް ނަގަން ގަސްދުކޮށް އަލަމާރި ހުޅުވާލުމުން ވާކިފަށް ލިބުނީ ދުވަހަކުވެސް ނުލިބޭފަދަ ބޮޑު ސިހުމެކެވެ. އޭނާ އަވަސްއަވަހަށް އަލަމާރިތެރެ ބަލަންފެށި އެވެ.

* * * * *

ފެރީން ފައިބައިގެން އައިސް ކާރަށް ރަހާ ގޮވައިގެން ޒަރަކް އެރި އެވެ. ގިނައިރެއްނުވެ ޒަރަކް ބުނި މަންޒިލަށް ކާރު އައިސް މަޑުކޮށްލައިފި އެވެ. ފުރަތަމަ ފޭބީ ވެސް ޒަރަކް އެވެ. ރަހާ ފައިބާފައި މަޑުކޮށްލީ ޒަރަކް ފޮށިތައް ގެންނަން ދެނެވެ. އޭނާ ކައިރިން ފެންނަން ހުރި ގެއަށް ބަލާލި އެވެ. ޒަމާންވެފައިވާ އިމާރާތެއްކަން ތަނުގެ ބޭރުން ފެންނަން ހުރި ފަރުމާއިން ދޭހަވެ އެވެ. ދެ ފަންގިފިލާއަށް ހަދާފައި ހުރިއިރު އިމާރާތް ރީތިކޮށް ބަލަހައްޓާކަން ގައިމެވެ. ވަށާފާރު މަތިން މަގުމައްޗަށް ހިޔާއަޅާފައިވާ ދެ ކުލައިގެ ބޯގަންވިލާ ގޮފިތަކުން އެކަން ފެނެ އެވެ. ޒަމާނީ "ލޮކް" ސިސްޓަމެއް އަރުކޮށްފައިވާ މައިދޮރާށި ޒަރަކް ހުޅުވާލައި ހިފަހައްޓާލީ ރަހާއަށް ގޭތެރެއަށް ވަންނަން ދަޢުވަތު ދެމުންނެވެ.

ދެވަނަ ފަންގިފިލާގައި ހުރި ތިން ކޮޓަރިން ބެލްކަންޏަށް ނުކުމެވެން ހުރި ދެ ކޮޓަރިން އެއް ކޮޓަރިއަށް ރަހާގެ އެއްޗެހި ޒަރަކް ވެއްދި އެވެ. އަދި ޖެހިގެން ހުރި ކޮޓަރީގައި ޒަރަކް މަޑުކުރާނޭ ވާހަކަ އޭނާ ބުންޏެވެ. ކޮޓަރިއަށް އެއްޗެހި ވެއްދުމަށްފަހު ރަހާ އަވަސްވެލީ ފޮށީން ނަމާދުކުރާ އެއްޗެހި ނެގުމަށެވެ.

"މިހާރު އަންޕެކް ކުރަނީތަ؟. ހިނގާ އިހަށް ކޮފީއެއް ބޯލަން ދާން." ކޮޓަރި ދޮރުކައިރީ ހުރެފައި ޒަރަކް ބުންޏެވެ.

"ނަމާދަށް ގޮވަން އެ އުޅެނީ. ނަމާދުކޮށްލައިގެން ނުކުންނާނީ." ރަހާ ބުންޏެވެ.

"އެހެންވިއްޔާ އަހަރެން ވެސް މިދަނީ ނަމާދަށް. ރަހާ ރެޑީވެލައިގެން ހުރޭ. މިތާ ކައިރި މިސްކިތަށް މިދަނީ." ޒަރަކް ބުންޏެވެ. ރަހާ ނަމާދުގެ ވާހަކަދެއްކީމައި އޭނާއަށް ނުކޮށް ހުންނަން ނުކެރުނީ އެވެ. އަނެއްކޮޅުން ކާރުގައި އައިއިރު މިސްކިތް ހުރީ ގޭ ކައިރީގައިކަން ޒަރަކްއަށް ފެނުނެވެ.

ރަހާ ނަމާދުން ފައިބާ ކޮޓަރިން ނުކުތެވެ. ގެއަށް ވަންނައިރު ފުރަތަމަ ވެސް ވަދެވެނީ ގޭގެ ސިޓިންރޫމަށެވެ. ބޮޑު ސޯފާއަކާއި ފަތި ޓީވީއެއްގެ އިތުރުން ފޮތް ހަރުގަނޑަކާއި ފައިވާން ކަބަޑެއް ވެސް ސިޓިންރޫމުގައި ހުއްޓެވެ. ތަޅުންމަތީ ސޯފާ ކައިރީ ހަތަރެސްކަން ދިގު ރަގެއް އަޅާފައި އޮތެވެ. އެތެރެއަށް ވަދެވެން ހުރި ހިމަ ގޯޅިތެރެއިން އެއްފަރާތުގައި ހުރީ މައްޗަށް އަރަން ހުރި ސިޑި އެވެ. އަނެއްފަރާތުން ފެންނަން ހުރީ ގޭގެ ބަދިގެއެވެ. ބަޔަކު ދިރިއުޅުމަށް ބޭނުންވާނޭ ހުރިހާ ސާމާނެއްހެން ގޭތެރޭގައި ހުއްޓެވެ. ގިނަވަގުތު އެކަނި އުޅޭން އާދަވެފައި ހުރީތީ ރަހާއަށް އެ ގޭތެރެގައިވީ ފަޅުކަމާއި ހިމޭންކަމުން އުނދަގުލެއް ނުވި އެވެ. އޭނާ އައިސް ސޯފާގައި މަޑުކޮށްލީ އެވެ. ޒަރަކް އަންނަންދެން ފޯނު ނަގައިގެން އޭނާ އިނީ ޤުރުއާން ކިޔަވާށެވެ. އެހެންވިޔަސް އޭނާއަށް ކިޔެވުމަށްވުރެ ސަމާލުކަން ދެވިފައިވީ ސިކުނޑީގައި ހިނގަމުންދިޔަ ޚިޔާލު ތަކަށެވެ. ވާކިފްގެ ޚިޔާލުތަކަށެވެ.

"ކޮބާ، ހިނގާ ދަމާ." ސިޓިންރޫމު ދޮރުމަތިން ޒަރަކްގެ އަޑު އިވުނެވެ. ރަހާ އިސްއުފުލާ ބަލާލި އެވެ. ޒަރަކް ފެނުމުން އޭނާ އަނެއްކާ ވެސް ފޯނު ނިއްވާލީ އެވެ. އެއަށްފަހު ޒަރަކްއާއެކު ދާން ހިނގައިގަތެވެ.

"މިތަނަށް ވަންނަމާ. އަހަރެންނަކަށް ވެސް ނޭނގެ މިކޮޅުގައި ރަނގަޅު ތަންތަނެއް ބުނާކަށް." ހިނގަމުން ވަކި ހިސާބަކަށް އާދެވުމުން ފެނުނު ކެފޭއަކަށް އިޝާރާތްކޮށް ޒަރަކް ބުންޏެވެ. ރަހާ ހަމައެކަނި އެއްބަސްވުމުގެ ގޮތުން ބޯޖަހާލީ އެވެ. ދެ ޒުވާނުން އެކުގައި އެ ކެފޭއަށް ވަނެވެ. މާބޮޑު ތަނެއް ނޫނެވެ. މުޅި ތަނުގައިވީ ހަތަރު މީހުންގެ ޖާގަ ހުރި އެންމެ ހަ މޭޒެވެ. އޭރު ވެސް ދެ މޭޒެއްގައި މީހުން ތިއްބެވެ. ކޮފީބުއިމަށް ޚާއްޞަކޮށްފައި ހުރި ތަނެއްކަން ވެރިވެފައި އޮތް ކޮފީގެ ވަހުން ހެކިދެ އެވެ. މަގުމަތި ފެންނާނޭހެން ބިއްލޫރި ބިތާ ކައިރީ ހުރި މޭޒުގެ ދޮށުގައި އިށީންނަން ޒަރަކް ޚިޔާލު ދިނެވެ. ދެ ޒުވާނުން އެތަނުގައި އިށީނުމާއެކު ވަގުތުން އޯޑަރު ނަގަން ކުއްޖަކު އަތުވެއްޖެ އެވެ.

"ވާހަކައެއް އަހާލަންތަ؟." އޯޑަރު ނަގައިގެން ކެފޭގެ ކުއްޖާ ދިއުމާއެކު ޒަރަކް ވާހަކަދެއްކީ ކުރިމަތީ އިން ރަހާއާ އެވެ. އޭނާ ހޫން ލައްވާލުމުން ޒަރަކްގެ ވާހަކަ ކުރިޔަށް ގެންދިޔަ އެވެ.

"ކިހާ ދުވަހެއް ވެއްޖެ މެރީކޮށްގެން އުޅޭތާ؟." ޒަރަކް އަހާލި އެވެ. ރަހާ ޖަވާބެއް ނުދީ ހިމޭންވެފައި އިނުމުން ޒަރަކްއަށް ހީވީ އެ ސުވާލަށް ޖަވާބުދޭން ރަހާ ބޭނުންނުވަނީ ހެންނެވެ.

"ސޮރީ. ހަމަ އަހާލީ. ހިތަށް އެރީ ރަހާއަށް... އަޅާނުލާ." ޒަރަކް ބުނަން އުޅެފައި ވެސް ހުއްޓާލީ އެވެ. ރަހާ ހިތްހަމަނުޖެހިދާނޭ ހީވާވަރުންނެވެ.

"އަހަރެން ޑިވޯސްވާން މިއުޅެނީ." ރަހާ ކުއްލިއަކަށް ބުންޏެވެ. އެ ބަސްތައް އިވިފައި ޒަރަކްއަށް ޤަބޫލުނުކުރެވުނުކަން އޭނާގެ މޫނުން ފާޅުވި އަސަރުތައް ހެކިދެ އެވެ.

(ނުނިމޭ)