ރައީސް އަބްދުﷲ ޔާމީން

ހުވަފެން ދައްކާނެ ކަމެއް ނެތް، ވައުދު ފުއްދަވާ: ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ކުލަ ނުވާ ހުވަފެންތަކެއް ދައްކައިގެން ވެރިކަން ކުރެއްވުމަށް ކަމަށާއި އެގޮތަށް ވެރިކަން ނުކުރެއްވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ދައްކަވަނީ ލޮލަށް ނުފެންނަ ރޫހާނީ ތަރައްގީގެ ވާހަކަތަކެއް ކަމަށެވެ. އެހެންވެ ކުރެވޭނެ ވަރުގެ ކަންކަމުގެ ވާހަކަދެއްކެވުމަށް ރައީސް ޔާމީން ވަނީ ރައީސް މުއިއްޒަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

"ހުވަފެން ވިއްކައިގެން އަބަދު ވެރިކަން ކުރައްވަން ނޫޅުއްވާ. ކުރީގައި ވިއްކަމުން ގެންދެވީ ދީނީ ފަގުނޑި. މިހާރު ތިޔަ ވިއްކަނީ ހުވަފެން،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ދައްކަވާ ވާހަކަތަކުގައި ދެކޮޅު ނުޖެހޭ އެތައް ވާހަކައެއް ހުންނަ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންވެ ރައީސް ޔާމީން އެދިވަޑައިގެންނެވީ ކުރެވޭނެ ވަރުގެ ވާހަކަދެއްކެވުމަށާއި ކުރެވޭނެ ކަންކަން ކުރެއްވުމަށް ކަމަށެވެ.

މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ފަށާފައިވާ މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ މުޅި ގައުމު ޑިޖިޓަލައިޒް ކުރުމަށްވުރެ ރާއްޖެ ބަނގުރޫޓްވަމުންދާ މައްސަލަ ހައްލުކޮށް ކްރެޑިޓް ރޭޓިން ރަނގަޅު ކުރުމަށް އިސްކަން ދިނުން މާ މުހިއްމު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމު ޑިޖިޓަލްކޮށްގެން ރާއްޖޭގެ އިގްތިސާދަށް މިވަގުތަށް ހުރި ގޮންޖެހުންތަކަށް ލިބޭނެ ހައްލެއް ނެތް ކަމަށެވެ. އެހެންވެ އެކި ކަހަލަ ހުވަފެނީ ވާހަކަތައް ވިއްކުމުގެ ބަދަލުގައި ހަގީގީ ތަރައްގީއާ ގުޅޭ ކަންކަން ކުރެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައީސް މުއިއްޒަށް ނުވެ ހުރި ކަންކަމުގެ ވާހަކަ ދައްކަވާނެ ކަމަށެވެ. ވައުދެއްވީ ނަމަ އެ ވައުދެއް ފުއްދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވި ނަމަވެސް ވައުދު ފުއްދުމަށް ކުރެވޭ މަސައްކަތެއް ފެނިގެން ނުދާ ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސް މުއިއްޒު މިހާރު ދައްކަވަނީ ބަހަނާ،" ޔާމީން ވިދާޅުވި އެވެ.