ދުނިޔެ

އަނެއްކާވެސް ހިލަރީގެ މައްޗަށް ސެންޑާސް އިތުރު ކާމިޔާބެއް!

ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި އަނެއްކާވެސް އިތުރު ދެ ޕްރައިމަރީއެއް ކާމިޔާބުކޮށް ހިލަރީ ކްލިންޓަން އާ ދެމެދުގައިވާ ފަރަގު ބާނީ ސެންޑާސް ކުޑަކޮށްފި އެވެ. މި ދެ ކެނޑިޑޭޓުންގެ މެދުގައި އުފެދިފައިވާ ވާދަވެރިކަން ބޮޑުކޮށް ސެންޑާސް މިވަނީ އަލަސްކާ އަދި ވޮޝިންގްޓަންގައި ބޭއްވި އިންތިހާބު ކާމިޔާބުކޮށްފަ އެވެ.

ނަމަވެސް އަދިވެސް ޕްރައިމަރީގައި ކުރީގައި އުޅެނީ އެމެރިކާގެ ކުރީގެ ރައީސްގެ އަނބިކަނބަލުން ހިލަރީ ކްލިންޓަން އެވެ. ވޮޝިންގްޓަން އަދި އަލަސްކާގެ ޕްރައިމަރީގައި ހިލަރީއަށް 21 ޕަސަންޓު ވޯޓު ލިބުނު އިރު ސެންޑާސްވަނީ ވޯޓުލީ މީހުންގެ 79 ޕަސަންޓު ވޯޓާއެކު އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކޮށްފަ އެވެ.

މިދެ އިންތިހާބަށްފަހު އިއްޔެވަނީ ހަވާއީގަވެސް ޕްރައިމަރީގެ އިންތިހާބު ބާއްވާފަ އެވެ. ނަމަވެސް އަދިވެސް މި އިންތިހާބުގެ ނަތީޖާ އިއުލާނުކޮށްފައެއްް ނުވެ އެވެ.

އެމެރިކާގެ ޕްރައިމަރީގައި ވާދަކުރައްވާ ފަރާތްތަކުން ކާމިޔާބު ކުރައްވާ ކޮންމެ ސްޓޭޓަކަށް، އެފަރާތަކަށް ލިބުނު ވޯޓުގެ އިންސައްތައަށް ބަލާފަ އެސްޓޭޓަކުން ޑެލިގޭޓުން ލިބިލައްވާނެ އެވެ. އަދި އެމެރިކާގެ ގާނޫނު އަސާސީ ބުނާގޮތުން ރިޔާސީ ކެނޑިޑޭޓަކަށްވާން ބޭނުންވާ ބޭފުޅަކު 2،383 ޑެލިގޭޓުންގެ ހޯއްދަވަން ޖެހޭނެ އެވެ.

ހިލަރީއަށް މިހާތަނަށް ލިބިފައިވަނީ 1،223 ޑެލިގޭޓުންގެ ވޯޓެވެ. އަދި ސޭންޑާސްއަށް ވޯޓުލީ ޑެލިގޭޓުންގެ އަދަދަކީ 920 އެވެ. ހިލަރީއަށްވުރެ ކުރި ހޯދުމަށް 300 އަށްވުރެ ގިނަ ވޯޓު ހޯދަންޖެހެ އެވެ.