ނަރުހުންގެ އަޑު އަހައި އިޖާބަދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނަރުހުންގެ ދުވަހާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ ވަރުބަލިވުމެއް ފޫހިކަމެއްނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަން ނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަން ކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިސަރުކާރުން ނަރުހުންގެ އަޑު އަހައި އިޖާބަ ދޭނެ ކަމަށާއި އެހެންވެ ނަރުހުންނަށް ފައިދާ ހުރި އެތައް ކަމެއް، އިސްކަންދީގެން މި ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ.
އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ އެންމެ ބުރަ އެންމެ ޝަރަފުވެރި އެއް ޒިންމާ ރެޔާއިދުވާލު އުފުލަމުންދާ ހީވާގި ނަރުހުންނަށް، ސާބަހާއި ތާރީފާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައްކަމެއް އެކުވެފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. ނަރުހުންގެ ހިދުމަތަކީ ދެވޭ މުސާރައަކަށްވުރެ އެ ހިދުމަތަށް ލިބޭ ސަވާބާއި ދަރުމަ އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮ ދުއާ އެތައް ގުނައަކަށް އިތުރު މާތް މަސައްކަތެއް ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ ނަރުހުންގެ ދުވަހާ ގުޅިގެން ސޯޝަލްމީޑިއާގައިވެސް ތަހުނިޔާ ވިދާޅުވެ ޕޯސްޓެއް ހިއްސާކުރައްވާފަ އެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމައަށް ހިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުން ކަމަށް ފާހަގަކުރައްވާފައިވެ އެވެ. އަދި ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއިއެކު ނަރުހުން ކުރަމުންދަނީ މުޅި ގައުމު ފަޚުރުވެރިވާ މަސައްކަތެއް ކަމުގައިވެސް ވިދާޅުވި އެވެ.