ކާސްޓްރޯލްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީ އެމްޓީސީސީ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީ އިން މިހެން ބުނެފައި މި ވަނީ ބައެއް ފަރާތްތަކުން ކާސްޓްރޯލް ވިއްކަމުންދާތީ ކަސްޓަމަރުންގެ ސަމާލުކަމަށް އެކަން ގެނައުމަށް ނެރުނު ބަޔާނެއްގަ އެވެ.
އެމްޓީސީސީ އިން ނެރުނު ބަޔާނުގައި ބުނީ ކާސްޓްރޯލް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑާއި އެމްޓީސީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ކާސްޓްރޯލްގެ ސޯލް ޑިސްޓްރިބިއުޓަރަކީ އެމްޓީސީސީ ކަމަށެވެ.
އެހެންކަމުން އެއްވެސް ފަރާތަކުން ކާސްޓްރޯލް މަރުކާގެ އެއްވެސް މުދަލެއް ރާއްޖެ އެތެރެކޮށް، ވިއްކައި މާކެޓްކޮށް ހެދުމަކީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 51 ވަނަ މާއްދާ އަދި 52 ވަނަ މާއްދާއާ ހިލާފުކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޓީސީސީގެ ބަޔާނުގައި ވަނީ ކަސްޓަމަރުންނަށް އޮޅޭ ފަދައިން އެއްވެސް ފަރާތަކުން ކާސްޓްރޯލް އެތެރެކޮށް ވިއްކާކަމުގެ ދޮގު މައުލޫމާތު ހިއްސާނުކުރުމަށް އެދިފަ އެވެ.
މި ގޮތަށް އަމަލުކުރުމަކީ ވިޔަފާރީގެ ރޫހާއި ހިލާފު ކަމެއް ކަމަށްވެސް އެމްޓީސީސީ އިން ބުނެފައިވެ އެވެ.
އެމްޓީސީސީން ބުނީ އެއްވެސް ފަރާތަކުން އެ ކުންފުނީގެ ވިޔަފާރިއަކަށް ގެއްލުންވާނެ ކަމެއް ކުރިކަން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފިނަމަ އެކަން ކުށްވެރިކުރާ ހާލު، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެމްޓީސީސީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގާނޫނީ ތަރަހައިގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އެ ފަރާތަކާއި ދެކޮޅަށް އަޅާނެ ކަމަށެވެ.