ޑރ. އަބްދުﷲ މުއްތަލިބް

މަގޫދޫ އެއާޕޯޓް މިދައުރުގައި ހުޅުވާނަން: މުއްތަލިބް

ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓްގެ މަސައްކަތް ނިންމައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި އެ އެއާޕޯޓް ހުޅުވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަގޫދޫ އެއާޕޯޓާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ މަގޫދޫގައި އެއާޕޯޓެއް އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ.

ފ. އަތޮޅުގައި އެއާޕޯޓެއް އެޅުމަށް އަބަދުވެސް ވާހަކަދެކެވެމުން އައީ ނިލަންދޫގައި ކަމަށްވެސް މުއްތަލިބް ވިދާޅުވި އެވެ. އެމްޑީޕީގެ ސަރުކާރުގެ ނިންމުން ގޯސްކޮށް އޮތް ނަމަވެސް މަގޫދޫ އެއާޕޯޓްގެ މަސައްކަތް މިސަރުކާރުން ނިންމައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ނިލަންދޫގައި އަޅަން ކަނޑައަޅާފައި އޮތް ޕްރޮޖެކްޓެއް މަގޫދުއަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫންކަން. އެއާއެކު ޑިވޮލޮޕްމެންޓަލް ޕްލޭނާއެކު ސަރުކާރުން ނިލަންދޫގައި އެއާޕޯޓު އަޅަން ޖެހެނީވެސް،" ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ މަގޫދޫ އެއާޕޯޓްގެ މަސައްކަތްތައް ތަފާތު ސަބަބުތަކާ ހުރެ ލަސްވަމުން ދިޔަ ނަމަވެސް މަސައްކަތް އަވަސްކުރަން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް މަގޫދޫ އެއާޕޯޓުގެ މަސައްކަތް ރައީސް މުއިއްޒުގެ ސަރުކާރުން ހުއްޓާލީ އެ އެއާޕޯޓްގެ 75 ޕަސަންޓް މަސައްކަތް ނިންމާފައި ވަނިކޮށެވެ. އެކަމާ ގުޅިގެން މަގޫދޫ ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާވެސް ކުރި އެވެ.

މަގޫދުގައި އެއާޕޯޓެއް އަޅަން ރައީސް ސޯލިހްގެ ސަރުކާރުން ފެށީ ރާއްޖޭގައި ހަދާ އެންމެ ބޮޑެތި ޑޮމެސްޓިކް އެއާޕޯޓްގެ ތެރޭގައި މަގޫދޫ އެއާޕޯޓް ހިމަނައިގެންނެވެ. މިމަޝްރޫއަށް 252 މިލިއަން ރުފިޔާ ހަރަދު ކުރަން ނިންމިއިރު ޖެޓްތަކަށް ޖެއްސޭ ގޮތަށް 1،800 މީޓަރުގެ ރަންވޭއެއް އަޅަން އޮތީ ނިންމާފަ އެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތުގެ ދުވެލި ވަރަށް ބޮޑަށް ލަސްކޮށްލުމަށްފަހު މަގޫދޫއާ މާދުރު ނޫން ހިސާބެއްގައި އޮތް އެ އަތޮޅު ނިލަންދޫ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ބާރު ސްޕީޑްގައި ކުރިއަށް އެބަގެންދެ އެވެ.

ނިލަންދޫ ނިސްބަތްވަނީ ރައީސް މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރާ ދާއިރާ އަށެވެ.