ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް ގޮތުގައި 1،750 ޑޮލަރުގެ ލިމިޓެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިދީފި އެވެ.
ސޯޝަލްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހައްޖަށް މިއަހަރު ދާ މީހުންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ފަސޭހަ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ހައްޖުވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ބީއެމްއެލް އިން ހަމަޖައްސައިދީފައިވާނެ ކަމަށެވެ.
ޑޮލަރު ކާޑުގެ ލިމިޓްގެ އިތުރުން ހުރިހާ ހައްޖުވެރިންނަށް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.
ހައްޖުވެރިންނަށް ޑޮލަރު ލިބުން ފަސޭހަ ކޮށްދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަން އިން ހައްޖުވެރިންގެ ލިސްޓު ބޭންކަށް ހުށަހެޅުމުން ބޭންކުން ކާޑު ލިމިޓް އިތުރު ކޮށްދޭނެ އެވެ. ކާޑު ލިމިޓް ހަމަޖެހުމުން ބޭންކުން އެސްއެމްއެސް އަކުން އެކަން އަންގާނެ އެވެ.
މިދިޔަ ރޯދަ މަހު އުމްރާއަށް ދިޔަ އުމްރާވެރިންގެ ޑެބިޓް ކާޑަށް ބޭންކުން 1،500 ޑޮލަރު ހަމަޖެއްސުމާ އެކު، 1،300 އުމްރާވެރިން ކާޑު މެދުވެރިކޮށް ގާތްގަނޑަކަށް 9،000 މުއާމަލާތް ކޮށްފައިވެ އެވެ. އެ މުއާމަލާތްތަކަށް ބޭންކުން ވަނީ އެއް މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދަކަށް ޑޮލަރު ވިއްކާފައި ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.