މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި 700 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ވަޒީރުން އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ކުރިއަށް ގެންދާ "އަހާ" ފޯރަމުގައި މިރޭ ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ އަތުލައިގަނެވުނު 700 ކިލޯގެ މަސްތުވާތަކެތީ އަގަކީ ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ކަމަށެވެ.
މީގެއިތުރުން ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި 9،000 އަށް ވުރެ ގިނަ ބަނގުރާފުޅި އަތުލައިގަނެވިފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ މައުލޫމާތު ދެއްވާފަ އެވެ.
މަސްތުވާތަކެތީ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ތަފްސީލްތައްވެސް މިނިސްޓަރު އިހްސާން ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ޕޯސްޓްގެ ޒަރީއާ އިން ރާއްޖެއަށް އެތެރެކުރާ ޕާރުސަލްތައް ސްކޭން ކުރުމަށް ހާއްސަ ސްކޭން މެޝިންތަކެއް ގެނެސްގެން، ޕޯސްޓް މެދުވެރިކޮށް ގެންނަ މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު އިތުރުކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ސީ ކާގޯ ކޮންޓެއިނަރު ސްކޭން ކުރެވޭނެ މެޝިނެއްވެސް އަޅުގަނޑުމެން މިހާރު މިދަނީ ހޯދަމުން. އޭރުން ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމުގައިވެސް ކުރިއެރުންތަކެއް ލިބޭނެ،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އިސްކަން ދެނީ މަގުމަތީގައި މަސްތުވާތަކެތި ވިއްކަން އުޅޭ ކުއްޖާއަށް އަމާޒުކޮށްގެން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި މަސްތުވާތަކެތި އެތެރެކޮށް ވިއްކާ އެންމެ ބޮޑެތި މީހުން ހޯދައި ސަޕްލައި ހުއްޓުވުމަށް ކަމަށެވެ. މަސްތުވާތަކެތި ވިއްކާ މީހުން ހޯދައި އެ މީހުންގެ މުދަލާއި ފައިސާ ދައުލަތަށް ނަގާނެ ކަމަށްވެސް ވިދާޅުވި އެވެ.
މަސްތުވާތަކެތި ވިޔަފާރިކުރާ މީހުން އަތުލައިގަތުމަށް ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ޕައިލެޓް އޮޕަރޭޝަނެއްގައި ފުވައްމުލަކުގައި އެންމެ ފުޅާ ދާއިރާގައި މަސްތުވާތަކެތި ވިޔަފާރި ކުރާ ދެ މީހުން އަތުލައިގަނެވިފައިވާ ކަމަށާއި އެ މީހުން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އާއި މުދާ ދައުލަތަށް ނެގުމަށް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ. ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ކަހަލަ އޮޕަރޭޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅު ތަކުގެ އެހެން ރަށްރަށުގައި ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ޑިމާންޑް ހުއްޓުވަން ބަލާއިރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ނެޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ)ގައި ފަންނީ މީހުން މަދުވުމާއި އިންފްރާންސްޓްރަކްޗާ އެކަށީގެންވާ ގޮތެއްގައި ނެތުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރުމަށްވެސް މަސައްކަތްތަކެއް ހިނގަމުންދާ ކަމަށް ވިދާޅުވި އެވެ.
"މިއަހަރު ނިމޭއިރުވެސް މިމައްސަލައިގައި ތަފާތެއް ފެންނާނެ،" އިހްސާން ވިދާޅުވި އެވެ.