ޣައްޒާއިން އާންމު ރައްޔިތުން ބާލައި، ތަން ހުސްކޮށް ޔަހޫދީން އުފާކުރާ ތަނަކަށް ހެދުމަކީ އެޖެންޑާގައި އޮތް ކަމެއް ކަމަށް އިޒުރޭލުގެ އެނާޖީ މިނިސްޓަރު އެލީ ކޮހެން ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވި ގޮތުން ޣައްޒާއިން މީހުން ބޭލުމަށް، އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕްގެ ސަރުކާރުން ތައްޔާރުކުރި މަޝްވަރާ ކަރުދާސްތައް އަދިވެސް އޮތީ މޭޒުމަތީގަ އެވެ.
ކޮހެން ވިދާޅުވި ގޮތުގައި އަމިއްލަ އިޚުތިޔާރުގައި ޣާއްޒާ ދޫކޮށްދާ މީހުންނަށް އިޒުރޭލުން އަޅާލާނެ އެވެ. އެއީ އެ މީހަކު ދާން ބޭނުން ތަނަކަށް ދިއުމުގައި އިޒުރޭލުން ފަސޭހަކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޓްރަމްގެ ވިސްނުމަކީ ޣައްޒާއިން އެންމެން ބާލައި އެ ބިމުގައި ޓޫރިސްޓު ހޮޓަލާއި، އަދި ޔަހޫދީންނަށް ގެދޮރުއެޅުމެވެ. އޭނާގެ މި ވިސްނުމަށް އަރަބި ދުނިޔޭގެ އިތުރުން މުޅި ދުނިޔެ ވަނީ ދެކޮޅުހަދައި އިންކާރުކޮށްފަ އެވެ.
އިޒުރޭލުގެ އެނެޖީ މިނިސްޓަރު ވިދާޅުވި ގޮތުން، ޣައްޒާ މިހާރު އޮތް ހާލަތުގައި، އެ ބިން އާބާދުކުރެވޭނެ ދުވަހެއް އެކަކަށް ވެސް ނޭނގެ އެވެ. އަދި ޣައްޒާ އާބާދުކުރުމަށް ލައްކަ ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއަށް ވުރެ، ކޮހެން ވިދާޅުވީ ޣައްޒާ ދޫކޮށް ގޮސް ކައިރި އެހެން ގައުމެއްގައި ވަޒަންވެރިވުން ބޮލަށް ފަސޭހަވާނެ ކަމަށެވެ.
އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ މި މޭރުމުން ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުން ޣާއްޒާގައި ހުރި ގެދޮރު ސުންނާފަތިކުރަން ސިފައިންނަށް ވާނީ އަންގާފަ އެވެ. އަދި ޣައްޒާ ދޫކޮށް ދިޔަ މީހުންގެ ތެރެއިން އެކަކުވެސް ޣައްޒާއަށް ވައްދައިގެން ނުވާނެ ކަމާށް އޭނާ ވިދާޅުވި އެވެ.