ދުނިޔެ

ޕޫޓިން، ޒެލެންސީ މަޝްވަރާތަކަށް ޓްރަމްޕް އިސްތަމްބޫލަށް ވަޑައިގެންފާނެ

ޔުކްރޭން ހަނގުރާމަ ހުއްޓާލައި، ރަޝިއާ އާއި ޔުކްރޭން ސުލްހަވުމަށް މި ދެ ގައުމުގެ ވެރިން -- ޕޫޓިން އާއި ޒެލެންސްކީ ތުރުކީގެ އިސްތަންބޫލްގައި ބައްދަލުކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޕޫޓިން އާއި ޒެލެންސްކީއަށް އޮތީ ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާކުރެއްވުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މަޝްވަރާތައް ދާ ގޮތަކުން -- ކުރިއެރުން ލިބޭ މިންވަރަކުން އިސްތަމްބޫލަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އެއްވެސް ލީޑަރަކަށް ދެން އިތުރު ބަހަނާއެއް ނޯންނާނެ ކަމަށެވެ. ރަޝިއާއަށް އަދި ޔުކްރޭނަށް ވެސް އެންެމ ރަނގަޅު ވާނީ ހަނގުރާމަ ހުއްޓާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސަތުގައި އިންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ޕޫޓިން އާއި ޒެލެންސްކީ މަޝްވަރާތަކަށް އިސްތަމްބޫލަށް ވަޑައިގަތުމަށް ހަމަޖެހުނީ އޭނާގެ މަސައްކަތުން ކަމަށެވެ.

އަދި މަޝްވަރާތައް ކުރިއަށް ދާއިރު ތުރުކީއަށް ވަޑައިގެން އިސްތަންބޫލުގެ މަޝްވަރާ މޭޡުދޮށުގައި އިންނެވުމަކީ، ކުރިއެރުން އަވަސްވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.