އަހުމަދު އުޝާމް

ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވަން، އެކަން ކުރީ ސުއޫދު: އުޝާމު

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް އޭނާ ކުރައްވާފައި ނުވާނެ ކަމަށާއި އެކަމަކު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ގެންދެވި ކަމަށް ބަންޑާރަނައިބް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވަމުން ސަރުކާރަށް އަމާޒުކުރައްވައި ސުއޫދު ކުރެއްވި ތުހުމަތަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ނިންމާފައިވާ ޑރ. އަޒްމިރަލްދާ ޒާހިރު، އުޝާމަށް އަމާޒުކުރައްވާ ކުރައްވާފައިވާ ތުހުމަތަކާ ގުޅިގެންނެވެ.

ފަނޑިޔާރު ކަމުން ސުއޫދު އިސްތިއުފާ ދެއްވަމުން ނެރުއްވި ބަޔާނުގައި ވަނީ ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކަމުން ގެންދާ ކަމަށް ވިދާޅުވެފަ އެވެ. ޑރ. އަޒްމިރަލްދާގެ ފަރާތުން ވަކީލު ނެރުއްވި ބަޔާނެއްގައި ވަނީ އުޝާމު ފޮނުއްވި "އެޖެންޓަކު" އަޒްމިރަލްދާގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ވަޒީރުންގެ "އަހާ" ފޯރަމުގައި ޝަރުއީ ދާއިރާއަށް ފޯރުވާ ނުފޫޒާ ގުޅޭގޮތުން މިރޭ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބް އުޝާމް ވިދާޅުވީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް އެއްވެސް އިރަކު މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފައިވާ ހުސްނުއްސުއޫދު ވަނި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާފައި ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

ސޫދަކީ ސިޔާސީ ބޭފުޅެއް ކަމަށް ފާހަގަކުރައްވައި އުޝާމު ވިދާޅުވީ ސުއޫދު ދައްކަވަމުން ގެންދަވާ ސިޔާސީ ވާހަކަތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުސްނުއްސުއޫދު އެކި މީހުން މެދުވެރިިކޮށް ފޮނުއްވާފައިވާ މެސެޖުތަކާއި ބައްދަލުވެ ދެކެވިފައި ހުރި ވާހަކަތަކުން ސުއޫދު ނުފޫޒު ފޯރުވުމަށް ކުރެއްވި މަސައްކަތް ހާމަވާ ކަމަށްވެސް ވިދާޅުވި އެވެ.

"ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނާނީވެސް އެ ބޭފުޅާ [ސުއޫދު]. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ [ސުއޫދު]،" އުޝާމް ވިދާޅުވި އެވެ.

ބަންޑާރަނައިބް ވިދާޅުވީ ވިދާޅުވީ ފަނޑިޔާރުންނަށް ސުއޫދު ނުފޫޒު ފޯރުވި ކަމަށް އޭނާ ކުރެއްވި ތުހުމަތާ ގުޅިގެން އެއްވެސް ޒަމާނެއްގައި އެއްވެސް ތަނަކުން ތަހުގީގެއް ކުރިއަށް ގެންގޮސްފިނަމަ އެކަމަށް ޖަވާބުދާރީ ވެވޭނެ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އަޅުގަނޑެއް ނޯންނާނޭ ކަމެއް ކޮށްފައެއް. ނުފޫޒު ފޯރުވަން ކަމެއް ކޮށްފައި އޮތިއްޔާ ކޮށްފައި އޮތީ އެ ބޭފުޅާ [ސުއޫދު]،" އުޝާމް ވިދާޅުވި އެވެ.