ރެއާލް މެޑްރިޑްގެ އާ ކޯޗަކަށް ޒަބީ އޮލޮންސޯ ހަމަޖައްސައިފި އެވެ.
ރެއާލް އަދި ސްޕެއިންގެ ގައުމީ ޓީމަށް ކުޅެފައިވާ އޮލޮންސޯ ރެއާލްގެ ކޯޗަކަށް ހަމަޖައްސާފައި މިވަނީ މިހާރު ރެއާލްގެ ކޯޗަކަށް ހުރި ކާލޯ އަންޗެލޯޓީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ހަމަޖެހިފައިވާތީ އެވެ.
މިދިޔަ ހުކުރު ދުވަހު އެލޮންސޯ ވަނީ ބަޔަ ލެވަކުޒަން ދޫކޮށްލާނެކަން އިއުލާންކޮށްފަ އެވެ.
އޮލޮންސޯ ދެ އަހަރާއި ބައިގެ މުއްދަތަށް ޖަރުމަނުގެ މި ކުލަބު ހިންގުމުގައި ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން ފާއިތުވި ސީޒަންގެ ލީގާއި ކަޕް ކާމިޔާބުކުރުން ހިމެނެ އެވެ. އަދި ޔޫރަޕާ ލީގުގެ ފައިނަލްގައި ކުޅުނެވެ.
އުމުރުން 43 އަހަރުގެ އެލޮންސޯ، ކުޅުންތެރިއެއްގެ ގޮތުގައި ރެއާލް މެޑްރިޑްގައި ހުރެ ގިނަ ޓްރޮފީތަކެއް ހާސިލްކުރިއިރު މިހާރު ކޯޗެއްގެ ގޮތުން ބާނަބިއުގައި އިތުރު ކާމިޔާބީތަކެއް ހޯދަން މަސައްކަތްކުރާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ލެވަކޫޒަންއިން ވަނީ އެލޮންސޯގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލަން އެއްބަސްވެފަ އެވެ. މިއީ އޭނާ ރިއަލް މެޑްރިޑަށް ހިލޭ ބަދަލުވުމަށް މަގުފަހިވާނެ ކަމެކެވެ.
އެލޮންސޯ ސްޕެއިންގެ އެންމެ ބޮޑު ކުލަބު ހިންގަން ފަށާނެ ކަމަށް ލަފާކުރެވެނީ ޖޫން 18 ވަނަ ދުވަހު ރެއާލްގެ ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއާގެ އަލް ހިލާލްއާ ކުޅޭ ދުވަހު އެވެ. އެ މެޗު ކުޅޭނީ އެމެރިކާގެ މަޔާމީގަ އެވެ.