ރިޒާވް

އެޕްރީލް ނިމުނުއިރު ރިޒާވް އިތުރުވެއްޖެ

ރަސްމީ ރިޒާވް އާއި ޔޫޒަބަލް ރިޒާވް [ބޭނުންކުރެވޭ ރިޒާވް] މި އަހަރުގެ އެޕްރީލް މަސް ނިމުނުއިރު އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު އެޕްރީލް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 856.34 މިލިއަން ޑޮލަރެވެ.

މިއީ މި އަހަރުގެ މާޗް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި 790.99 މިލިއަން ޑޮލަރާ އަޅާބަލާއިރު 65.35 މިލިއަން ޑޮލަރު އިތުރުވުމެކެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެޕްރީލް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 171.3 މިލިއަން ޑޮލަރެވެ.

ބޭނުންކުރެވޭ ރިޒާވްގައި މި އަހަރުގެ މާޗް މަސް ނިމުނުއިރު ހުރީ 170.18 މިލިއަން ޑޮލަރެވެ.