ރައްޔިތުންގެ މަޖިލިސް

ލޯނު ދައްކަނީ 40 ޕަސެންޓް ދަރިވަރުން: ހައިދަރު

ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުގެ ތެރެއިން އަނބުރާ ދައްކަނީ ގާތްގަނޑަކަށް 40 ޕަސެންޓް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާ ޕީއެންސީ މެންބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ބައެއް ދަރިވަރުން ބަރާބަރަށް ލޯނު ދައްކަމުން ނުދާ ކަމަށެވެ.

"އަނބުރާ ދެއްކުމުގައި އެބަހުރޭ ވަރަށް ބޮޑެތި މައްސަލަތައް. ހަމައަށް ބަރާބަރަށް ނުދައްކާ. 40 ޕަސެންޓްވަރު އަނބުރާ ދައްކަނީ،" ހައިދަރު ވިދާޅުވި އެވެ.

އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން މިނިސްޓަރު ހައިދަރު ފާހަގަކުރެއްވި އެވެ.

ހައިދަރު ވިދާޅުވީ އެ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންތައްތަކަށް މަޝްވަރާކޮށް ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ޖެނުއަރީ އިން އެޕްރީލްގެ ނިޔަލަށް ސްޓޫޑެންޓް ލޯނުގެ ގޮތުގައި 157 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.