ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް ހުށަހެޅި ޖެނެރޭޝަނަލް ބޭން އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ހުށަހެޅި މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް އެއް މެންބަރު ވޯޓު ދެއްވި އެވެ. މީގެ އިތުރުން ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރުން އިންނެވި އެވެ.
މި އިސްލާހުގައިވާ ގޮތުން ޖެނުއަރީ 1، 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް އަދި އުމުރުން 21 އަހަރުވެފައިނުވާ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އެއްވެސް ފަރާތަކުން ވިއްކައިގެން ނުވާނެ އެވެ.
މީގެ އިތުރުން ހާއްސަ ލައިސެންސެއް ނެތި ދުންފަތުގެ ބާވަތްތައް ނުވިއްކޭނެ ކަމަށް އިސްލާހުގައިވެ އެވެ.
ޖެނުއަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީހުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އެޕްރީލް މަހު އެވެ.