ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ބަދަލުކުރަން ނިންމައިފި އެވެ.
ފުލުހުންގެ ސެކަންޑްމަންޓް އުސޫލުގެ ދަށުން ދެ އަހަރުގެ މުއްދަތަކަށް ރިޔާޒު، އެންޑީއޭއަށް ބަދަލުކުރަނީ ކޮމިޝަނާ އޮފް ޕޮލިސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
ރިޔާޒުގެ ވަޒީފާއަށް މި ބަދަލު ގެނައީ އޭނާއަށް މިހާރުވެސް ލިބޭ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނާންނަ ގޮތަށެވެ.
ފުލުހުންގެ ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ވަޒީފާގައި ހުރި މީހަކު އެހެން އިދާރާއަކަށް އަދި އެހެން އިދާރާއެއްގައި ހުންނަ މީހަކު ފުލުހުންގެ ހިދުމަތަށް ބޭނުންވާނަމަ އެ ފުރުސަތު ދިނުމުގެ ބާރުވެސް ކޮމިޝަނާ އޮފް ޕޮލިސްއަށް ލިބިގެންވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރިޔާޒު ހުންނެވީ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔަކަށެވެ. އެކަމަކު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ރިޔާޒު އެ މަގާމުން ދުރުކޮށްފަ އެވެ.
ރިޔާޒަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެއް ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެވެ.