މުހައްމަދު ޝަމްއާން ވަހީދު

ޝަމްއާން އާއި އިތުރު ބަޔަކަށް ދައުވާކޮށްދިނުމަށް އެދިއްޖެ

ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދާއި އިތުރު ބަޔަކަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާ އިން ޕީޖީ އޮފީހަށް މައްސަލަ ހުށަަހަޅައިފި އެވެ.

ޝަމްއާން އާއި އިމިގްރޭޝަންގެ އިތުރު އޮފިސަރުންތަކެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށީ އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑެއްގެ ތެރެއިން އަތުލައިގެން ބިދޭސީއަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށްފަހު އޭނާގެ އަތުން ފައިސާ ނަގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދޫކޮށްލާފައިވާތީ އެވެ. ބިދޭސީ މީހާ ދޫކޮށްލަން އެންގެވީ ޝަމްއާން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ޝަމްއާން ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަށް ވަދެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާވެސް ހޯދާފަ އެވެ. އަދި ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުވެސް ފުލުހުން ގެންގޮސްފައިވެ އެވެ.

ޝަމްއާން ހައްޔަރުކުރުމަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލި ބިދޭސީ މީހާގެ އަތުން ފެނުނު 530،000 ރުފިޔާ ހިފައިގެން އެ ރެއިޑްގައި އުޅުނު އިމިގްރޭޝަންގެ ތިން އޮފިސަރަކު ދިޔައީ ސީދާ ޝަމްއާންގެ އެޕާޓްމަންޓަށް ކަމަށެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި އެމީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން މަގާމުން ވަކިކުރީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށެވެ.

ފުލުހުން ކުރިއަށް ގެންދާ ތަހުގީގަކަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގައި ފުރަތަމަ ފުލުހުން ހައްޔަރުކުރީ ތިން މީހެކެވެ. އެ މީހުންނަކީ:-

  • މުހައްމަދު އަލްސަން އިސްމާއިލް (21 އަހަރު) - ތ. ބުރުނީ، މޫނިމާގެ
  • އިބްރާހިމް އަހްމަދު (37 އަހަރު) - ގ. ހެޕީސައިޑް
  • އަހުމަދު ސަހެޝަން (47 އަހަރު) - ގ. ހެޕީސައިޑް

ޝަމްއާން އާއި މައްސަލައިގައި ހިމެނޭ އިތުރު މީހެއް ކަމަށްވާ މ. ހަޒާރީވިިލާ، އަހްމަދު ލައްސާން (40 އަހަރު) ހައްޔަރުކުރީ ތިން އޮފިސަރުންގެ ފަހުންނެވެ.

ޕީޖީ އޮފީހުން ބުނީ ޝަމްއާން އާއި އިމިގްރޭޝަންގެ އިތުރު އޮފިސަރުންތަކަކަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާ އިން އިއްޔެގެ ވަގުތެއްގައި ހުށަހެޅުމުން އެ މައްސަލަތައް ބަލައިގެންފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ދައުވާކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށްވެސް ބުންޏެވެ.