އެޗްޑީސީ

ވިނަރެސް ޓަވަރުގައި އެޗްޑީސީގެ އޮފީހެއް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ޓަވަރުތަކުގެ ތެރެއިން ހަވަނަ ޓަވަރުގައި އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީހެއް ހުޅުވައިފި އެވެ.

އެޗްޑީސީ އިން ބުނީ މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އެޗްޑީސީގެ ކަސްޓަމަ ކެއާ މެދުވެރިކޮށް ފަސޭހައިން މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމުކުރި އޮފީހެއް ކަމަށެވެ.

ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަލަ ފޯމު އެޕްލިކޭޝަންތަކާއި، ފައިސާ ބަލައިގަތުމުގެ ހިދުމަތްވެސް މި އޮފީހުން ލިބޭނެ ކަމަށް އެޗްޑީސީ އިން މައުލޫމާތުދެ އެވެ.

ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް މި އޮފީހުން ހިދުމަތް ލިބޭނެ އެވެ.

ހިޔާ ޓަވަރުގައި ކުރިން ހުޅުވާފައި ހުރި އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުން އައި ހުރިހާ ހިދުމަތެއް މީގެ ފަހުން ލިބޭނެ ވިނަރެސް ޓަވަރުގައި ހުޅުވާފައިވާ އެޗްޑީސީ އޮފީހުން ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެ އެވެ.

އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނިން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަށް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގަފަހިކޮށްދިނުމަށް ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.