ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިިކުރުމުގެ މަސައްކަތް ކުރިއަށްދަނީ އިންސާފުން ބޭރުން ކަމަށް ބެލެވޭތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުގެ މައްސަލަ ބަލައި އެކުލަވާލި ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ރިޕޯޓްގައިވަނީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ކުށެއްގެ ތުހުމަތުގައި ބަންދުކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުގެ ބައިވެރިވުމާއެކު އިސްމާއީލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، އިސްމާއީލްގެ ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް މަހާޒުއާއި އަޒްމިރަލްދާ ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.
އަޒްމިރަލްދާއާއި މަހާޒް ފަނޑިޔާރު ކަމުން ވަކިކުރަން ނިންމައި އެ މައްސަލަ ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް މިމަހުގެ ފަސްވަނަ ދުވަހު ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށް ހަމަ އެ ދުވަހު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ. އަދި މިމަހުގެ 11 ވަނަ ދުވަހު ކޮމިޓީންވެސް ވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ފާސްކޮށްފަ އެވެ.
އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ދެ ފަނޑިޔާރުންގެ މައްސަލައިގައި ޖޭއެސްސީ އިން ތަހުގީގު ކުރިއަށް ގެންދިޔަ ގޮތުން ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ވަކާލާތުކުރާ އދގެ ރެޕަޓުއާގެ މަންދޫބު މާގަރެޓް ސެޓާތުވެއިޓް ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކޮށްފަ އެވެ. އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މައްސަލަ ދިރާސާ ކުރިއިރު ފަނޑިޔާރުން އެދިގެންވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާތީ ކޮމިޓީގެ ބައްދަލުވުންތައް ސިއްރުކޮށްފައިވާތީ އެޗްއާރްސީއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެޗްއާރްސީއެމް އިން ބުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އިތުރު ގޮތްތަކެއް ކަނޑައަޅައި ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލަމުން ދަނިކޮށް ފަނޑިޔާރުންނާ މެދު އަމަލުކުރި ގޮތަކީ މައްސަލަ ކުރިއަށް ގެންދަން ހުރަސް އެޅުން ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށެވެ. މީގެއިތުރުން ގާނޫނީ އަދި ޝަރުއީ ދާއިރާގެ ބޭފުޅުންނާ މަޝްވަރާ ނުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ކުޑަކުރަން މަޖިލީހުން ފާސްކޮށްފައިވާތީ އެކަމަށްވެސް އެޗްއާރްސީއެމް އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްވެސް ގޮވާލާފަ އެވެ.