ގައުމީ ފުޓްބޯޅް ޓީމް

ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ސެމީ ފައިނަލަށް

އިންޑިއާގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ރާއްޖޭގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު މުބާރާތުގައި ރަނގަޅު ކުޅުމެއް ކުޅެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި 2-2 އިން އެއްވަރުވުމާއެކު ރާއްޖެ ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ވަކި އުމުރުފުރާގެ މުބާރާތެއްގެ ސެމީ ފައިނަލެއްގައި 2019 ވަނަ އަހަރަށްފަހު ދިވެހި ޓީމެއް ކުޅޭ މިއީ ފުރަތަމަ ފަހަރު އެވެ. އޭރު ރާއްޖެއިން ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ސާފް ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ މުބާރާތުގަ އެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާއޮ ރާއްޖެ ކުޅުނު މެޗުވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ބަންގްލަދޭޝް ކުޅުނު ދެވަނަ މެޗުގައި އެ ޓީމުން ވަނީ ބޫޓާން 3-0 އިން ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މިއަދުގެ މެޗުގައި ބޫޓާނަށް ސެމީފައިނަލަށް ދިއުމަށް އޮތް ހަމައެކަނި ފުރުސަތަކީ މޮޅުވުމެވެ. ނަމަވެސް ދެ ޓީމު އެއްވަރުވުމާއެކު ރާއްޖޭގެ ޒުވާން ކުޅުންތެރިން ވަނީ ސެމީފައިނަލްގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

އަރުނާޗަލް ޕްރަދޭޝްގެ ގޯލްޑަން ޖޫބިލީ ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ހިތްވަރާއި ހުނަރުވެރިކަން ފެނިގެން ދިޔަ އެވެ. މެޗުގެ އެކި ވަގުތުތަކުގައި ދިވެހި ޓީމުގެ ކެޕްޓަން އަހުޒަމް ރަޝީދު (އަހޫ) އާއި އީތަން އިބްރާހިމް ޒަކީއަށް ލިބުނު ފުރުސަތުތަކުގައި ބޫޓާންގެ ޑިފެންޑަރުން ފައުލުތައް ކޮށްފައިވެ އެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދިވެހި ޓީމުން އެތައް ފުރުސަތުތަކެއް ހޯދި އެވެ. އެގޮތުން އައިދު މުހައްމަދު ޖަވީޒު ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބޫޓާންގެ ގޯލްކީޕަރު ޓަންޑިން ޕެންޖޯރު ވަނީ ދިފާއުކޮށްފަ އެވެ. އަދި ރާއްޖެއިން ނެގި ހިލޭ ޖެހުންތަކުގައިވެސް ކީޕަރުގެ މޮޅު ސޭވްތައް ފެނިގެންދިޔަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ނިމުމުގެ ކުރިން ބޫޓާންގެ ފޯވަޑް ލަމް ޓެންޒިން ޕެނަލްޓީ އޭރިއާ ބޮކްސްގެ ބޭރުން ފޮނުވާލި ބޯޅައެއް ދިވެހި ޓީމުގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި އަދި ކީޕަރު ޒަހުރާން ހަސަން ޒިޔާދުގެ އަތުގައިވެސް ޖެހި ގޯލަށް ވަދެފައިވެ އެވެ.

ދެވަނަ ހާފުގައި ބޫޓާނުން އިތުރު ގޯލެއް ޖެހުމަށް ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ދިވެހި ކީޕަރު ޒަހުރާންގެ ފުރިހަމަ ސޭވްތަކުގެ ސަބަބުން އެ ހަމަލާތައް ވަނީ ނާކާމިޔާބުވެފަ އެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަޝްހަމް އިބްރާހިމް މުހައްމަދު ބޮލުން އައިދު މުހައްމަދު ޖަވީޒަށް ބޯޅަ ޕާސްކުރުމުން އައިދު ވަނީ ބޫޓާންގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީކަނަށް ބޯޅަ ވައްދާލާފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ އެންމެ ފުރަތަމަ މިނެޓުގައި އަޝްހަމް ފޮނުވާލި ޝޮޓަކުން ރާއްޖެ ވަނީ ލީޑު ނަގާފަ އެވެ. އެހެންނަމަވެސް އިތުރު ވަގުތުގެ ފަހު ސިކުންތުތަކުގައި ބޫޓާންގެ ޗޮގްޔެލް ޝެރާބް ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖެހި ގޯލުން މެޗު އެއްވަރުވި އެވެ.

ދިވެހި ޒުވާން ކުޅުންތެރިން މިހާރު ބަލަމުންދަނީ އިންޑިއާއާއި ނޭޕާލްގެ މެޗުގެ ނަތީޖާ އަށެވެ. އެމެޗުން ބަލިވާ ޓީމަކާއި ދިވެހިރާއްޖެ ސެމީފައިނަލްގައި ބައްދަލުކުރަން ޖެހޭނެ އެވެ.