ރައްޔިތުންގެ މަޖިލިސް

ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއޭސްސީ އިން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ޖޭއެސްސީގެ ނިންމުމަށް ތާއީދުކޮށް ދެ ފަނޑިޔާރުން ވަކިކުރަން ޖުޑިޝަރީ ކޮމިޓީން މިމަހުގެ 11 ވަނަ ދުވަހު ނިންމީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ކޮމިޓީއެއްގައި ހަމައެކަނި ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ވޯޓާ އެކު އެވެ. ކޮމިޓީގެ ނިންމުމުގައި ބުނެފައިވަނީ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީ އިން ނިންމި ނިންމުމުގައި އިޖުރާއީ ގޯހެއް ހަދާފައި ނުވާ ކަމަށެވެ.

އަޒްމިރަލްދާއާއި މަހާޒް ފަނޑިޔާރު ކަމުން ވަކިކުރަން ނިންމައި އެ މައްސަލަ ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް މިމަހުގެ ފަސްވަނަ ދުވަހު ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށް ހަމަ އެ ދުވަހު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.

ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީ އިން ނިންމުމަށްފަހު މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ތަޅުމުން އެގޮތަށް ފާސްކޮށްގެންނެވެ.

ޖޭއެސްސީ އިން އަޒްމިރަލްދާއާއި މަހާޒްގެ މައްސަލަ ބަލައި އެކުލަވާލި ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ރިޕޯޓްގައިވަނީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ކުށެއްގެ ތުހުމަތުގައި ބަންދުކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުގެ ބައިވެރިވުމާއެކު އިސްމާއީލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، އިސްމާއީލްގެ ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް މަހާޒުއާއި އަޒްމިރަލްދާ ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި ކަމަށް ބުނާ އެ މައްސަލައަށް މަހާޒް އާއި އަޒްމިރަލްދާ ވަނީ ޖޭއެސްސީގެ ތަހުގީގުގައި އިންކާރުކުރައްވާފަ އެވެ. އަދި ޖޭއެސްސީ އާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ޖަވާބުދާރީވުމަށް ފުރުސަތަކަށް ދެ ފަނޑިޔާރުންވެސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ތިއްބެވި ޕީއެންސީގެ މެންބަރުން ބޭނުން ނުވެގެން ކޮމިޓީއަށް ހާޒިރުވާން ދެ ފަނޑިޔާރުންނަށް ފުރުސަތެއް ނުދެ އެވެ.

ޖޭއެސްސީ އިން ގެންދަނީ މަހާޒް އާއި އަޒްމިރަލްދާއާ ގުޅޭ ސުލޫކީ އިތުރު މައްސަލައެއްވެސް ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރު ކުރި ދުވަހެއްގައި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހެއްގައި މަހާޒް އާއި އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލަ އެކެވެ.

ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ކޮމިޓީންވެސް ނިންމިއިރު ޖޭއެސްސީން އެ މައްސަލާގެ ތަހުގީގު ހިންގި ގޮތާ މެދު ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ވަނީ މަޖިލީހާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ޝަކުވާ ހުށަހަޅުއްވާފަ އެވެ.

ފަނޑިޔާރު މަހާޒްއާއި ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ކުރިން ހުންނެވި ހުސްނުއްސުއޫދުގެ މައްސަލަ ވެސް ޖޭއެސްސީ ބަލަން ފެށި އެވެ. ނަމަވެސް މައްސަލަ ބަލަން ފެށުމުން ސުއޫދު ވަނީ ފަހުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.