ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން، އިންޓަޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓިކޮރަޕްޝަން ސެންޓަރު (އައިއެފްސީއޭސީސީ) ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރު ރިލްވާ ޝަރީފާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި އޮތް މި ބައްދަލުކުރެއްވުމުގައި ނަވީން، އައިއެފްސީއޭސީސީ އިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދީފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި ހަނދާނީ ފިލައެއް އެރުވި އެވެ.
މި ބައްދަލުކުރެއްވުމުގައި އިންޓަޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯ މާލޭގެ ބޭފުޅުންވެސް ބައިވެރިވި އެވެ. އަދި ރާއްޖޭގައި މާލީ ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހި ފުލުހުންގެ ހިދުމަތާއި އައިއެފްސީއޭސީސީ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ނަވީން، އިންޓަޕޯލާއެކު ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކުރެއްވި އެވެ. އަދި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އިންޓަޕޯލުން ފޯރުކޮށްދޭ އެހީތެރިކަމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.
ފުލުހުން ބުނީ ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް، ހާއްސަކޮށް މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ރިޟްވާން ތައުރީފް ކުރެއްވި ކަމަށެވެ.
ރިޟްވާންގެ މި ދަތުރުފުޅަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެއްގައި އިންޓަޕޯލް ތަމްސީލު ކުރެއްވުމަށް ރާއްޖޭއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.
މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް އައިއެފްސީއޭސީސީން ކޮށްދެއްވާފައިވާ މަސައްކަތްތަކަށްވެސް މިބައްދަލުކުރެއްވުމުގައި ނަވީން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އައިއެފްސީއޭސީސީގެ ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރުގެ މަގާމުގައި މަސައްކަތް ކުރައްވާ ރިޟްވާން ޝަރީފަކީ ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލަށް ސެކަންޑްކޮށްފައިވާ އޮފިޝަލެކެވެ.
މި ބައްދަލުކުރެއްވުމުގެ ސަބަބުން ރާއްޖެއާއި އިންޓަޕޯލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ފުލުހުންގެ އިދާރާ އިން ބުންޏެވެ.